މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު މަރުވި ދެ ގައިދީއެއްގެ މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ. ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އޮޓޮޕްސީ ހެދުމަށް ފޮނުވާފައިވަނީ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ޙަސަން ނިޔާޒު (45އ) އާއި، މާލޭ ދަފްތަރު ނަންބަރު ދރ 439، އިބްރާހީމް ސުހައިލް (53އ) ގެ ހަށިގަނޑެވެ. މި ދެ މީހުންނަކީވެސް މި މަހުގެ 2 ވަނަ ދުވަހު މަރުވި ދެ މީހުންނެވެ. މި ދެ ގައިދީންގެ ތެރެއިން އެކެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު، ފުލުހުން ބުނީ އޮޓޮޕްސީ ހަދަން ނިންމީ ތަހުގީގުގެ ބޭނުމަށް މަރުތަކުގެ ސަބަބު ސާފުކޮށް ކަށަވަރު ކުރުމަށް ކަމަށެވެ. ކަރެކްޝަންސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިބްރާހީމް ސުހައިލް މަރުވީ އޭނާގެ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ހަފްތާއެއް ވީފަހުންނެވެ. އޭނާއަށް ނިއުމޯނިއާ ޖެހިފައިވާއިރު، މީގެ ކުރިން ސްޓްރޯކެއް ޖެހިގެންވެސް ފަރުވާ ހޯދާފައިވާ ކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ. ޙަސަން ނިޔާޒު މަރުވީ މި މަހުގެ 2 ވަނަ ދުވަހުގެ މެންދުރުފަހު ދިމާވި ކުއްލި މެޑިކަލް އެމަޖެންސީއަކާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ކަރެކްޝަންސްއިން ކުރިން ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. ޖަލުގައި ކުއްލި ގޮތަކަށް ދެ ގައިދީން މަރުވުމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައިވާއިރު، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދަނީ މިކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
Open with







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.