ކުޑަކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަރސްޓަރ، އުމުރުން 44 އަހަރުގެ އަލީ ޙަސަން އާއި، ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، އުމުރުން 21 އަހަރުގެ މުޙައްމަދު އިޙްސާން އެވެ. ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ. މި މައްސަލާގައި ހިމެނޭ އަލީ ޙަސަން ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ދީފައިވާ މުއްދަތު އަންނަ މާރިޗު މަހުގެ 1 ވަނަ ދުވަހަށް ހަމަވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 3 ވަނަ ދުވަހު ކަމަށްވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 2026 މާރިޗު 6 ވަނަ ދުވަހަށެވެ. ފުލުހުން ބުނީ ކުޑަކުދިން "ގްރޫމް" ކޮށްގެންނާއި، އެ ކުދިންގެ މަޖުބޫރުކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ އިތުރުން ޖިންސީ ގޯނާގެ އަމަލުތަކުގައި ކުޑަކުދިން ބައިވެރިކުރުވާ ފަރާތްތަކާމެދު ހާއްސަ އިސްކަމެއް ދީގެން ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
"މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، ގާނޫނީގޮތުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާނެ،" ފުލުހުން
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.