ރާއްޖޭގެ އަތޮޅުތެރޭގެ ރަށެއްގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ ބ. އޭދަފުށީގައި ބޭއްވުމަށްޓަކައި، ހައިރައިޒް ޕްރައިވެޓް ލިމިޓެޑާއި، ބ. އަތޮޅު ކައުންސިލް އަދި އޭދަފުށީ ކައުންސިލާ ދެމެދު މިއަދު ވަނީ ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ތާރީޚީ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިއަދު ހަވީރު މާގިރި ހޮޓެލުގެ މުރަކަ މާލަމުގައެވެ.
މި އެއްބަސްވުމުގައި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމް ސޮއިކުރެއްވިއިރު، ހައި ރައިޒުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ މަރިޔަމް މާއިޝާއެވެ. މިއީ މާލެއިން ބޭރުގައި މިފަދަ ބޮޑު ހަރަކާތެއް ބޭއްވުމަށް ސޮއިކުރި ފުރަތަމަ އެއްބަސްވުމެވެ.
މި އެކްސްޕޯއާ ގުޅޭގޮތުން އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙު ވިދާޅުވީ، "މިއީ ރާއްޖޭގެ ރަށެއްގައި ބާއްވާ މިފަދަ އެންމެ ބޮޑު އެކްސްޕޯ" ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން އޭދަފުށީގެ އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ ވިޔަފާރިތަކަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުޅި ބ. އަތޮޅުގެ ފަތުރުވެރިކަމަށާއި ވިޔަފާރީގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.