ކުރިއަށް އޮތް ލޯކަލްް ކައުންސިލު އިންތިހާބުގައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ) އަށް 800 އާއި 900 އާ ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބުކުރެވޭނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ކައުންސިލު އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީގެ ފަރާތުން މާފަންނު ދާއިރާތަކުގެ ކައުންސިލް ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެންޑިޑޭޓުންގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީއަށް އޮތް ތާއީދު ފެންނަ އެއް ހެއްކަކީ އިންތިހާބަކާ ނުލައި މިހާރުވެސް 69 ގޮނޑި ކާމިޔާބުކުރެވިފައިވުން ކަމަށެވެ. އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ އަދަދުތަކަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، މައިގަނޑު ގޮތެއްގައި ކެންޑިޑޭޓުން ނެރެފައިވަނީ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީން ކަމަށެވެ. އަދި ބޮޑު ދެ ޕާޓީ ފިޔަވައި އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ޕާޓީއަށް ނެރެވުނީ އެންމެ 17 ކެންޑިޑޭޓުންކަން އޭނާ ފާހަގަކުރެއްވިއެވެ. ފަލާހު އިތުރަށް ވިދާޅުވީ، ޖުމްލަ 1,350 އެއްހާ ގޮނޑީގެ ތެރެއިން ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ. "މިހާރު މަސްރަހު އޮތް ގޮތުން އެ އިންތިހާބުގައި ކޮންގްރެސް ޕާޓީއަށް މަދުވެގެން 800 އާއި 900 އާ ދެމެދުގެ ގޮނޑި ކާމިޔާބުވާނެ،" ފަލާހު ވިދާޅުވިއެވެ. ކޮންގްރެސް ޕާޓީން މިފަހަރުގެ އިންތިހާބަށް 1,300 އަށްވުރެ ގިނަ ކެންޑިޑޭޓުން ނެރެފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި އެއް ޕާޓީއަކުން އިންތިހާބަކަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު ފަހަރެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ. މި އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސަސީއަށް ގެނައި އިސްލާހާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.