ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ ޝޯޓްބޯޑް ކެޓެގެރީގެ ޗެމްޕިއަންކަން ހޫދު އަހްމަދު ހޯދައި ހުވަދު އަތޮޅާއި، ގައްދޫ ނަން ވިދުވާލައިފިއެވެ.

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގައި ޝޯޓްބޯޑް ކެޓެގެރީގެ ޗެމްޕިއަންކަން ހޫދު ހަވީރު ކުރިއަށް ގެންދިޔަ ފައިނަލް ހީޓް ހޫދު ކާމިޔާބު ކުރީ 10.26 ޕޮއިންޓުންނެވެ. ރަނަރަފް ހޫދު ފައިނަލްގައި ވާދަކުރީ އަހްމަދު އާގިލް (އައްމަޑޭ) އާ އެވެ. ފައިނަލްގައި އައްމަޑޭ ވަނީ 8.60 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަދި އެކެޓެގެރީގެ ލޯ މެޑަލް ހަމައެޓީމުގެ ނަޖާހް މުހައްމަދު ވަނީ ހޯދާފައެވެ.

ޓީމު އިވެންޓްގެ ދެވަނަ ހޯދި ގދ. ގައްދޫ ޓީމުގެ ހޫދު ފައިނަލްގެ ނަތީޖާ އަނބުރާލީ އެންމެ ފަހު ދެ ރާޅުންނެވެ. ޖުމުލަ ހަތް ރާޅުގައި އެޅި ހޫދު ވަނީ އެންމެ ފަހު ރާޅުގައި 4.93 ޕޮއިންޓް އަދި ހަވަނަ ރާޅުގައި 5.33 ޕޮއިންޓް ސްކޯކޮށްފަ އެވެ. އައްމަޑޭ އެންމެ ގިނައިން ސްކޯކުރީ އޭނާ އެޅި ފުރަތަމަ ރާޅުގަ އެވެ. އެ ރާޅުގައި އޭނާ 3.83 ޕޮއިންޓް ސްކޯކުރި އެވެ. ގައުމީ ރާޅާ އެޅުމުގެ މުބާރާތުގައި ހުވަދު އަތޮޅަށް ނިސްބަތްވާ ރާޅާ އެޅުންތެރިން ވަނީ ބޮޑެތި ކާމިޔާބީ ތައް ހޯދާފައެވެ. އެގޮތުން ނެޝަނަލް ސާފިންގ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ހުވަދޫ ދަރިއަކަށެވެ. މީގެ އިތުރުން ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ޓީމަކަށް ގދ ގައްދޫ ތަމްސީލްކުރި ޓައިގާ ވޭވް ވަނީ ހޮވިފައެވެ.

319594_3_260ca9eba1651b8d50c25b84a459841ecf057322_largeގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ ޝޯޓްބޯޑް ޗެމްޕިއަންކަން ހޯދި ހޫދް އަހްމަދު :-- ފޮޓޯ: މިހާރު

މިއަހަރުގެ މުބާރާތުގައި 14 ޓީމެއް ހިމެނޭއިރު، މާލެ ފިޔަވައި އެންމެ ގިނަ އެތުލީޓުން ހިމެނެނީ ގދ. ގައްދޫ ޓީމުގަ އެވެ. މާލެއިން 44 ރާޅާއެޅުންތެރިން ބައިވެރި ވާއިރު، ގައްދޫއިން ވަނީ 10 ރާޅާއެޅުންތެރިން ބައިވެރި ވެފަ އެވެ. އަދި ގދ. ވާދޫއިން ވަނީ ހަ ސާފަރުން ބައިވެރި ވެފައިއެވެ. ރަންނަމާރި ޗެލެންޖަކީ 2001 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ ރާޅާ އަޅާ ގިނަ ބަޔަކު ބައިވެރިވާ މުބާރާތަކަށްވާއިރު މި އަހަރު ވެސް 25 ރަށެއްގެ 102 ރާޅާއެޅުންތެރިން މި ޗެލެންޖުގައި ބައިވެރިވާނެ އެވެ.