ބ. ފުޅަދޫގެ އާންމު ތަންތަނުގައި އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ ހެދުން އަޅައިގެން އުޅޭ ފަތުރުވެރިން ތިބޭ ގެސްޓްހައުސްތަކަށް ފިޔަވަޅު އެޅުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. ފުޅަދޫ ކައުންސިލުން ބުނީ، އާއްމު މިންގަނޑުތަކާއި ހިލާފަށް ފަތުރުވެރިން ހެދުން އަޅައިގެން އާއްމު ސަރަހައްދުތަކުގައި އުޅޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ. މިކަން ހައްލު ކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިއަދާ ހަމައަށް ވެސް މިކަން ތަކުރާރުވަމުންދާތީ ރަށުގެ އާންމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ކައުންސިލުން ފާހަގަކުރެއެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 142 ވަނަ ޖަލްސާގައި ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އެ ޖަލްސާގައި ނިންމާފައިވަނީ އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ހެދުން އަޅައިގެން އުޅޭ ފަތުރުވެރިން ތިބޭ ގެސްޓްހައުސްތައް ދެނެގަނެ، އެ ތަންތަން ޖޫރިމަނާ ކުރުމަށެވެ. ކައުންސިލުން ބުނި ގޮތުގައި، "އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް ހެދުން އަޅައިގެން އާއްމު ސަރަހައްދުތަކުގައި އުޅޭ ފަތުރުވެރިން ނިސްބަތްވާ ގެސްޓްހައުސްތައް ބަލާ އެފަދަ ގެސްޓް ހައުސްތައް 750ރ. އިން ޖޫރިމަނާ ކުރުމަށް" މިހާރު ވަނީ ނިންމާފައެވެ. މި ނިންމުމަކީ ރަށުގެ އިޖުތިމާއީ އަދި ދީނީ މިންގަނޑުތައް ހިފެހެއްޓުމަށާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.
ފުޅަދޫގައި ނިވާކަން ކުޑަކޮށް އުޅޭ ފަތުރުވެރިން ތިބޭ ގެސްޓްހައުސްތައް ޖޫރިމަނާ ކުރަނީ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.