އަމިއްލަ އުމްރާ ގްރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާއަށް ގެންގޮސްފައިނުވާތީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އޭގެ ތެރެއިން 28 މީހަކު މިއަދު އުމްރާއަށް ފޮނުވައިފިއެވެ. މިކަމާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަމަށް ގެންދާނެ ކަމަށް ބުނެ އަމިއްލަ ގްރޫޕަކުން ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާތީ، އިއްޔެ ހަވީރުގެ ވަގުތެއްގައި އޭގެ ތެރެއިން ގިނަ ބަޔަކު އެ ކޯޕަރޭޝަންގެ އެހީތެރިކަމަށް އެދުނު ކަމަށެވެ. ޝަކީލް ވިދާޅުވި ގޮތުގައި، ކޯޕަރޭޝަންގައި ޖާގަ އޮތް މިންވަރުން 28 މީހުންނަށް ވިސާ ޖަހައި، މައްކާ އާއި މަދީނާއިން އެކޮމޮޑޭޝަނާއި، ކެއިންބުއިމާއި ދަތުރުފަތުރުގެ އެންމެހާ އިންތިޒާމުތައް މިހާރު ވަނީ ހަމަޖައްސައިދީފައެވެ. މި މީހުން މިއަދު ހެނދުނު މޯލްޑިވިއަންގެ ފްލައިޓެއްގައި ސައުދީ އަރަބިއްޔާއަށް ފުރާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޙައްޖު ކޯޕަރޭޝަނުން މީގެ ކުރިންވެސް ވަނީ އެކި ގްރޫޕްތަކުގެ ހަވާލުގައި އުމްރާއަށް ގޮސް، އެނބުރި ރާއްޖެ ނާދެވި ތާށިވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، އެމީހުންނަށް ދިމާވި ދަތިތަކަށް ހައްލު ހޯދައިދީފައެވެ. މިއަހަރުގެ ރަމަޟާން މަހު ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި 553 މީހަކު މިހާރުވެސް ސައުދީ އަރަބިއްޔާގައި ތިބިއިރު، މިއަދު ފުރި 28 މީހުންނާއެކު ޖުމުލަ 581 މީހަކު އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން އުމްރާގެ އަޅުކަން އަދާކުރުމަށް ވަނީ ގޮސްފައެވެ.