ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރުމަށް ނިންމި މަސްދަޅު ކޭސްތައް ބަހާ ނިންމާލާފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްކާއި ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ސަރުކާރުން ވަނީ ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކޮށްފައި ކަމަށެވެ. އަދި މި އަހަރު ކޭސްތައް ދޫކުރުމުގެ އިންތިޒާމްތައް ކުރިއަށްދިޔައީ ވަަރަށް އޮމާން ކަމާއެކުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. "ރޭގެ ނިޔަލަށް މާލޭގައި ވަނީ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ނިންމާލާފައި. މާލޭގެ ގޭބީސީތަކަށް ބެހުނީ 55,667 ކޭސް. އަތޮޅުތަަކަށް ބެހެނީ 57,715 ކޭސް. އެހެންކަމުން މި އަހަރު ޖުމްލަ 113,382 ކޭސް ވަނީ ބެހިފައި،" އާދަމް ޝަރީފް ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރާއި މި އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރޯދަ ހަދިޔާގެ ގޮތުގައި މިދިޔަ އަހަރު 67,712 ކޭސް އަތޮޅުތަަކަށް ފޮނުވިފައިވާއިރު، މި އަހަރު ފޮނުވިފައިވަނީ 57,715 ކޭސް ކަމަށެވެ. އެހެންކަމުން އަތޮޅުތަކަށް ފޮނުވި ކޭހުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މާލޭ ސަރަހައްދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު މާލޭގެ ސަރަހައްދުތަކަށް ދޫކޮށްފައިވަނީ 50,525 ކޭސް ކަމަށާއި މި އަހަރު 55,667 ކޭސް ވަނީ ބަހާފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5,142 ކޭހުގެ އިތުރުވުމެކެވެ. ރޭގެ ނިޔަލަށް މަސްދަޅު ކޭސްތައް ބަހާ ނިންމާލާފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުގައި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރަށު ކައުންސިލްތައް މެދުވެރިކޮށެވެ. އަދި މާލޭ ސަރަހައްދުގައި މިކަމަށްޓަކައި ވަކި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައިގެން މަސްދަޅު ބެހުމުގެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.
މަސްދަޅު ކޭސްތައް ބަހާ ނިންމާލައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.