ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، ރ. އަތޮޅު "އުނގުލު" އަކީ ރ. އުނގޫފާރުގެ ބައެއްގެ ގޮތުގައި އެމަނިކުފާނު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިގޮތަށް ކަނޑައަޅުއްވައި، އެކަމާ ގުޅޭ ގަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފައެވެ. މި ގަރާރު އެކަށައެޅުމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމަނާފައިވާ ލިސްޓު މިހާރު ވަނީ އަދާހަމަކުރެވިފައެވެ. އުނގުލު އަކީ އުނގޫފާރުގެ އިހުތިސާސްގެ ތެރޭގައި ހިމަނާނެ ރަށެއްގެ ގޮތުގައި ރައީސް ޑރ. މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ މާރިޗް މަހު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ އުނގޫފާރުގެ އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޖާގަ އެ ރަށުގައި ނެތުމުން، އެކަމަށް އޮތް ހައްލަކީ އުނގުލު ހޯދުން ކަމަށެވެ. އެ ދުވަހުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ: "އެހެންވީމާ، އުނގުލު ހޯދުން. އަޅުގަނޑު އެ މަސައްކަތްތައް ކުރިއަށް ގެންދާނަން. އަޅުގަނޑު އެ މަސައްކަތް ފަށާނަން. އެ އޮތް ކަމެއް ބަލާފައި، އެކަމެއްގެ ތެރެއިން އެ ރަށް ސަލާމަތްކޮށްގެން، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ގޮތަށް، އިރާދަކުރެއްވިއްޔާ މި ރަށަށް، އެ ރަށް ހަވާލުކޮށްދޭނަން،" ކަމަށެވެ. ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އުނގޫފާރުގެ ދުރު ރާސްތާގެ ތަރައްގީއަށް ބަލާއިރު، ބިން ހިއްކައިގެން ވެސް އިގްތިސާދީ ބޮޑެތި މަސައްކަތްތަކަށް ބޭނުންވާ ޖާގަ ތަނަވަސްކުރެވެން ނެތެވެ. އެހެންކަމުން އުނގުލު އެ ރަށުގެ އިހުތިސާސްގެ ތެރެއަށް ގެނައުމަކީ ރަށުގެ ކުރިމަގަށް ނުހަނު މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. މި ނިންމެވުމާއެކު އުނގޫފާރުގެ ރައްޔިތުންނަށް އިގްތިސާދީ އެކި މަސައްކަތްތައް ފުޅާކުރުމަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.