މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ތައިލެންޑުގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ދިވެއްސަކު ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ، ނިޔާވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އުމުރުން 22 އަހަރުގެ އިބްރާހިމް ނަބީހް ނަސީމް އެވެ. އޭނާ ނިޔާވިއިރު ހުރީ ތައިލެންޑުގެ ކަމާބެހޭ އިދާރާތަކުގެ ބެލުމުގެ ދަށުގައި ޖަލުގައެވެ. އިބްރާހިމް ނަބީހް ނަސީމް ތައިލެންޑުން ހައްޔަރުކޮށްފައިވަނީ 2024 ފެބުރުވަރީ 22 ވަނަ ދުވަހު އެ ގައުމުގެ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނި ގޮތުގައި، މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މިހާރު ދަނީ ބަލަމުންނެވެ. މީގެ ތެރޭގައި ހާރިޖީ ވުޒާރާއާއި ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ. ނަބީހް ނިޔާވި ސަބަބާއި، މި ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.