އިރާގުގެ ކުރުދިސްތާނު ސަރަހައްދުގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ކޮންސިއުލޭޓް ޖެނެރަލްއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑިޕްލޮމެޓިކް ހިމާޔަތް ލިބިގެންވާ ތަންތަނަށް ދޭ މިފަދަ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގޮތުން އަމަލުކުރާ ޑިޕްލޮމެޓިކް ގުޅުންތަކާ ބެހޭ ވިއެނާ މުއާހަދާއާ މުޅިން ހިލާފު، ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ޑިޕްލޮމެޓިކް ގުޅުންތަކުގައި ގާއިމުވެފައި ހުރި އުސޫލުތަކާއި އާދަތަކަށް ހީނަރުކަން އައިސް، ބައިނަލްއަގުވާމީ މަސްރަހަށް ނޭދެވޭ އަސަރުކުރާނެ ކަމަށްވެސް ސަރުކާރުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ދިވެހި ސަރުކާރުން ވަނީ ޑިޕްލޮމެޓިކް އިމާރާތްތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމުކަން ފާހަގަކޮށްފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކުކަން ހާމަކޮށްފައިވެއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، އިރާގުގެ ކުރުދިސްތާނުގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓަށް ދީފައިވަނީ ޑްރޯން ހަމަލާއެކެވެ. ނަމަވެސް އެ ގައުމުން ނެރުނު ބަޔާނުގައި މި ހަމަލާގެ ޒިންމާ ވަކި ފަރާތަކަށް އަމާޒުކޮށްފައެއް ނުވެއެވެ. ޔޫއޭއީން އިތުރަށް ބުނެފައިވަނީ، މިއީ އެއްވެސް ގައުމަކާ ދެކޮޅަށް ޔޫއޭއީން އެއްވެސް އަމަލެއް ހިންގާފައި ނުވަނީސް، ނުހައްގުން ދީފައިވާ ހަމަލާއެއް ކަމަށެވެ. މި ހަމަލާ ދީފައި މިވަނީ، އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކުރުދީ ހަނގުރާމަވެރި ޖަމާއަތްތައް އީރާނާ ދެކޮޅަށް ބޭނުންކުރުމަށް އެމެރިކާއާއި އިސްރާއީލުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި ހަމަލާއާ ގުޅިގެން ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އިރާގުގައި ހުންނަ ޔޫއޭއީގެ ކޮންސިއުލޭޓަށް ދިން ޑްރޯން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.