ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއަރޕާސަން ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވުމާ ގުޅިގެން، އޭނާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. މުޢިއްޒު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މުޢިއްޒު ނިޔާވުމާ ގުޅިގެން މީސްމިޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޭނާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މުޢިއްޒުއަކީ އެ ކުންފުނީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ، އެ ކްލަބުގެ ރައީސްގެ ހައިސިއްޔަތުންވެސް މުޢިއްޒުއަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމަށެވެ. "މުޢިއްޒުގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން،" ރައީސް ވިދާޅުވިއެވެ. ޢަބްދުލް މުޢިއްޒުއަކީ ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ރައީސްކަން ކުރެއްވުމުގެ އިތުރުން، ނިޔާވިއިރު އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރެއްވެސްމެއެވެ. އޭނާއަކީ ރާއްޖޭގައި ތެލެސީމިއާއަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މުޢިއްޒަށް މާތްﷲގެ ތަނަވަސް ރަޙުމަތުގައި ދާއިމީ ނިޢުމަތާއި ރަޙުމަތް ލެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.