ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ މަސައްކަތްތައް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރި ގޮތުގައި، މިއަދު މެންދުރު ރައީސް ސަލްޓަން ޕާކަށް ކުރެއްވި މި ޒިޔާރަތުގައި، އެމް.އެން.ޑީ.އެފްގެ ބެއްލެވުމުގެ ދަށުން އެތަނުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ޤާއިމުކުރާ ވަޞީލަތްތަކުގެ މަޢުލޫމާތު ވަނީ އޮޅުންފިލުއްވާފައެވެ. އަދި ޕާކު ތަރައްޤީ ކުރުމުގައި ޢަމަލީގޮތުން މިހާރު ކުރެވިފައިހުރި މަސައްކަތްތައް އެމަނިކުފާނު ވަނީ ވަޒަންކުރައްވާފައެވެ. މީގެއިތުރުން، މިއަދު ފާހަގަކުރާ ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ "ޢީދު ހަވީރު 1447" ގެ ހަރަކާތްތަކުގެ މަޢުލޫމާތުވެސް ރައީސް ވަނީ ސާފުކުރައްވާފައެވެ. މިގޮތުން ސަލްޓަން ޕާކު ހިމެނޭ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމާފައިވާ އެކިއެކި ހަރަކާތްތަކާއި، އެތަނުގައި ތައްޔާރުކޮށްފައިވާ ސްޓޯލްތަކުގެ އެންމެ ފަހުގެ ތައްޔާރީތައް އެމަނިކުފާނު ބައްލަވާލެއްވިއެވެ. ރައީސް މުޢިއްޒުގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި އަލަށް ގާއިމުކޮށްފައިވާ އޯވަރހެޑް އޮބްސްޓެކްލް ކޯރސް އާއި ޝޫޓިންގ ރޭންޖުގެ މަސައްކަތްތައްވެސް ވަނީ ބައްލަވާލައްވާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން އަޅާނުލެވި ވީރާނާވަމުންދިޔަ ސަލްޓަން ޕާކު، ކުރު މުއްދަތެއްގެ ތެރޭގައި އަލުން ހުޅުވާލުމަށްޓަކައި ސަރުކާރުން ވަނީ އެ މަސައްކަތް ޤައުމީ ދިފާޢީ ބާރާ ޙަވާލުކުރައްވާފައެވެ. މި މަޝްރޫޢުގެ ދަށުން ސަލްޓަން ޕާކު އަލުން ތަރައްޤީކުރެވިގެންދާއިރު، ކުރިން ވިންޓަރ ޕާކު ހުރި ސަރަހައްދުގައި ޒަމާނީ އީ-ގޭމިންގ މަރުކަޒެއްވެސް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.
Open with Editor







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.