ސްރީ ލަންކާގައި ދިރިއުޅޭ އަދި އެ ގައުމަށް ފަރުވާއަށްދާ ދިވެހިންނަށް އުފާވެރި ޚަބަރެއްގެ ގޮތުން، ލަންކާގެ އިތުރު ހޮސްޕިޓަލަކުން އާސަންދައިގެ ޚިދުމަތް ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފިއެވެ. މި ޚިދުމަތް އަލަށް ދޭން ފަށާފައިވަނީ ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ މަހުން ފެށިގެން އާސަންދައިގެ ދަށުން ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައެވެ. މިއީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށާއި ބޭސްފަރުވާއަށް އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ. ލަންކާގެ އިތުރު ހޮސްޕިޓަލަކަށް އާސަންދައިގެ ޚިދުމަތް މި ފުޅާކުރީ، ދިވެހިންގެ މެދުގައި މަގުބޫލު ”ލަންކާ ހޮސްޕިޓަލް“ އިން އާސަންދަ ދިނުން ދާދި ފަހުން މެދުކަނޑާލާފައިވާ ދަނޑިވަޅެއްގައެވެ. ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލަން ޖެހުނު ސަބަބާ ގުޅޭގޮތުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ ވިދާޅުވީ، "އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު، ދެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން އެއްބަސްވުން އާނުކުރެވުނީ" ކަމަށެވެ. ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ ގިނަ ދިވެހިންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ކިންގްސް ހޮސްޕިޓަލުން އަލަށް މި ހިދުމަތް ދޭން ފެށުމަކީ ދިވެހިންނަށް ލިބޭނެ ބޮޑު އުއްމީދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭން ބޭރުން ބަލިމީހުންނަށް ފަރުވާ ހޯދުމުގައި ހުރި ދަތިތައް ހައްލުކޮށް، އާސަންދައިގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އާސަންދަ ކުންފުނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިން ފަރުވާއަށް ފޮނުވުމަށްޓަކައި ރާއްޖޭން ބޭރުގެ 63 ހޮސްޕިޓަލަކާއެކު މިހާރު ވަނީ އެއްބަސްވުން ހަދާފައެވެ. މީގެ ތެރޭގައި ސްރީ ލަންކާގެ ނުވަ ހޮސްޕިޓަލެއް ހިމެނޭކަން ފާހަގަކޮށްލެވެއެވެ.
ލަންކާގެ ކިންގްސް ހޮސްޕިޓަލުން އާސަންދައިގެ ޚިދުމަތް ދޭން ފަށައިފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.