މާލެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (WDC) ގެ ރައީސްކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (PNC) ގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ހުޅުމާލެ ކެމްޕެއިން އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކު އިރުއުތުރު، ހިތިގަސް މަގު – 5 ގޯޅި ކަންމަތީގައި ހުންނަ މި އޮފީސް، ހުކުރު ދުވަހުގެ ރޭ ހުޅުވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ވަނީ އަލައިކާގެ ކެމްޕެއިންގެ ޝިއާރު ކަމަށްވާ "ބަދަހި އާއިލާ" ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ. މި ޝިއާރުގެ ދަށުން އަލައިކާގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ ސީދާ ރައްޔިތުންނާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޢަމަލީ ހައްލު ހޯދައިދިނުމުގެ މައްޗަށެވެ. މި ސިޔާސަތުތަކަކީ 'ފެމިލީ ސެންޓްރިކް' ނުވަތަ އާއިލާއަށް އިސްކަންދޭ އުޞޫލުން، ދިރާސާތަކުގެ އަލީގައި އެކުލަވާލާފައިވާ ސިޔާސަތުތަކެކެވެ. އަލައިކާގެ ސިޔާސަތުތައް މައިގަނޑު ތިން ދާއިރާއަކަށް ބެހިގެންވެއެވެ. ފުރަތަމަ ކަމަކީ އޯގާތެރިކަމާއެކު އަޅާލުން އިތުރުކުރުމެވެ. މީގެ ދަށުން ވަޒީފާ އަދާކުރާ މައިންބަފައިންނަށް ލުއިކޮށްދިނުމަށް 'ޗައިލްޑް ކެއާ' އާއި 'އާފްޓަރ ސްކޫލް' ޕްރޮގްރާމްތައް ގާއިމްކުރުމާއި، އިސްރަށްވެހިންނަށް ބޭނުންވާ އިޖުތިމާއީ ޖާގަ ހޯދައިދިނުން ހިމެނެއެވެ. ދެވަނަ އަސާސަކީ އަމާން އަދި ހިތްފަސޭހަ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމެވެ. މީގެ ތެރޭގައި ކޮންމެ ގެއަކުން ނުކުމެގެން 10 މިނެޓުން ދެވޭ ހިސާބުގައި ރައްކާތެރި ޕާކުތަކާއި އާއިލީ މައިޒާންތައް އިތުރުކުރުމާއި، މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުން ހިމެނެއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި އަލައިކާ އިސްކަންދެއްވަނީ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށެވެ. އެގޮތުން އަންހެނުންނަށް ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ 'ރިމޯޓް ވޯކިންގ' ޕްލެޓްފޯމްތަކާއި، އަންހެނުންގެ ކޯޕަރޭޓިވްތަކާއި 'ކޯ-ވޯކިންގ ސްޕޭސް' ފަދަ ވަސީލަތްތައް މެދުވެރިކޮށް، އާއިލީ ޒިންމާތަކާއެކު އާމްދަނީ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ވަނީ ހުށަހަޅާފައެވެ. ސަރުކާރު ހިންގާ ޕީ.އެން.ސީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަލައިކާ މި މަޤާމަށް ކުރިމަތިލެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް މާލޭގެ އިޖުތިމާއީ ޙާލަތު ބަދަލުކުރުމުގެ ޤާބިލުކަން ހުރުމުންނެވެ. އަލައިކާގެ އަމާޒަކީ މާލެއަކީ އާއިލީ ދިރިއުޅުމަށް ބަދަހި އަދި އަމާން ސިޓީއަކަށް ބަދަލުކުރުމެވެ. އަދި އާއިލާތަކުގެ ޙައްޤުގައި ކުރައްވާ މި މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
އަލައިކާގެ ސިޔާސަތުތައް ބިނާކޮށްފައިވަނީ ސީދާ ރައްޔިތުންނާ ބައްދަލުކޮށް، ކަންބޮޑުވުންތަކުގެ ހައްލު ހޯދާދިނުމަށް!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.