ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ސިޔާސީ ނިންމުމެއް ނޫން ކަމަށާއި، އެއީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަކަށް މަގުފަހިކުރުމަށް ނިންމާ ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ޤައުމަށާއި ރައްޔިތުންނަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ. މި ބަދަލުގެ ސަބަބުން މިހާރު އޮތް ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލުވެ، ސަރުކާރުގެ ކެންޑިޑޭޓުން ނުތިބޭނެ ގޮތަށް ކަންކަން ހަމަޖެހިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެ އިންތިޚާބު ވަކިން ބޭއްވުމުގެ ސަބަބުން ޤައުމަށް ހެޔޮނޭދޭ ބަޔަކު މަޖިލީހަށް އައިސްގެން މީގެ ކުރިން ކުރިމަތިވި ދަތިތައް ތަކުރާރުވާން ބޭނުންފުޅު ނުވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރޭ އޮތް ޖަލްސާގައި ރައީސް ވަނީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭ ފައިދާތަކާއި ގުޅޭގޮތުން ވަރަށް ތަފްސީލް ގޮތެއްގައި ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެފަދަ ވޯޓަކަށް ދާން ނިންމެވީ ޤައުމަށް ލިބިދާނެ ކޮންމެ ގެއްލުމަކުން ސަލާމަތް ކުރަން ބޭނުންފުޅުވާތީ ކަމަށެވެ. ދެ އިންތިޚާބު ވަކީން އޮންނަ ޙާލަތުގައި ޤައުމަށް ހެޔޮ ނޭދޭ ބަޔަކު މަޖިލީހުގައި ތިބުމުން ކަންކަން ވެގެންދިޔަ ގޮތް އޮތީ ފެންނަން ކަމަށާއި، އެކަންކަން ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ ޤައުމީ ވިސްނުމުގައި އެ ވޯޓްގައި ގޮތް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "މިއިން ކޮންމެ ކަމެއްގައި ވެސް މި އިސްކުރަނީ ރައްޔިތުންނާއި ޤައުމު," ރައީސް ވިދާޅުވިއެވެ. ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ މަންފާ ލިބޭނެ ގޮތް ބައްލަވައިގެން ކަންކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. މީގެ ކުރީން ނިންމެވި ހުރިހާ ނިންމެވުމަކީ ވެސް އެފަދަ ވިސްނުމެއް ނެތި ނިންމަވާފައިވާ ނިންމެވުންތައް ކަމަށާއި، އެހެން ނޫންނަމަ ވޭޕް މަނާކޮށް ދުންފަތުގެ ޤާނޫނަށް ބަދަލުތައް ނުގެންނެވީސް ކަމަށް ވިދާޅުވިއެވެ. ރައީސް ވަނީ ޤައުމުގެ މުސްތަޤްބަލު އުޖާލާކޮށް ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި ކޮރަޕްޝަން ނައްތާލުމަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދުކޮށް ވޯޓް ދެއްވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އިދިކޮޅު ފަރާތްތަކުން މި ބަދަލުތައް ގެންނަން ބޭނުންނުވާތީ، ކައުންސިލް އިންތިޚާބު ދޫކޮށްލާ "ފެންނަ ނުފެންނަ" ވޯޓަށް ފޯކަސް ކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެއިންތިހާބު އެއްދުވަހެއްގައި ބޭއްވުމާމެދު ނަގާ ވޯޓަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަކަށް މަގުފަހިކުރުމަށް ނަގާ ވޯޓެއް: ރައީސް

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.