މާލެ ނޯތު ހާބަރުގައި އޮތް ބޯޓެއްގެ ފަޅުވެރިންތަކެއް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ޖެހުނު ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ހިދުމަތުން ސާފުކޮށްދީފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި ހާލުދެރަވި މީހުންގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މި ހާދިސާގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް އަލިއަޅުވާލަމުން ފުލުހުން ބުނީ، މިކަން ހިނގަން މެދުވެރިވީ ބަންދުކޮށްފައިވާ ތަނެއްގައި ޖެނެރޭޓަރެއް ހިންގާފައި ހުއްޓާ، އޭގެއިން ބޭރުވި ދުމުގެ އަސަރު އެތަނުގައި ނިދާފައި ތިބި މީހުންނަށް ކުރުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ނިދުމަށް ނުވަތަ އަރާމުކުރުމަށް ބޭނުންކުރާ ބަންދު ތަންތަނުގައި ޖެނެރޭޓަރު ފަދަ ވިހަ ގޭސް ބޭރުވާ ތަކެތި ބޭނުންނުކުރުމަށް ފުލުހުން ވަނީ ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކޮށްފައެވެ. "ޖެނެރާޓަރުން ބޭރުވާ ދުމުގެ އަސަރު ކުރުމުން ހެއަށް ގޮތްވެ، ފުރާނައަށް ނުރައްކާވާ ހާލަތަކަށް ކަންކަން ދިއުމަކީ އެކަށީގެންވާ ކަމެއް،" ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ބޯޓުފަހަރުގައި ނިދުމަށް ބޭނުންކުރާ ތަންތަނުގައި ވައި ދައުރުވާނެ ރަނގަޅު ނިޒާމެއް ހުރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެފަދަ ތަންތަނަށް ދުމުގެ އަސަރުކުރާގޮތަށް ޖެނެރޭޓަރުފަދަ ތަކެތި ބޭނުން ނުކުރުމަށް ވެސް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.