ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާދަމާ ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ދަތުރުފުޅަކީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ ފުރިހަމަ މެހުމާންދާރީގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީ ސަރުކާރުން ކަމަށާއި، މި ދަތުރުފުޅާ ގުޅޭ އެންމެހާ ކަންކަން ނިމިދިޔަ ފެބުރުވަރީ މަހުގެ ކުރީކޮޅު ހަމަޖެހިފައިވާ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސަޢޫދީ ރަސްގެފާނުގެ ޚާއްޞަ މެހުމާންދާރީގައި ޢުމްރާގެ އަޅުކަން އަދާކުރައްވާ ދެވަނަ ފަހަރެވެ. 2024 ވަނަ އަހަރުގެ ތެރޭގައިވެސް، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޚާއްޞަ މެހެމާން ދާރީގައި ރައީސްގެ ދެކަނބަލުން ވަނީ ޢުމްރާގެ އަޅުކަން އަދާކުރައްވާފައެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ނިމިދިޔަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައިވެސް ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މި ދަތުރުފުޅުތަކަކީ ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅުތަކެކެވެ.