1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކުޅިވަރަކީ އެއްވެސް ހުރަހެއް ނެތި އެންމެން ގުޅުވައިދޭ ވަސީލަތެއް؛ ދާއިރާ ކުރިއެރުވުމަށް އިސްކަންދޭނަން: ރައީސް

44
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސްޕޯޓްސް އެވޯޑު ހަފުލާގެ ތެރެއިން
ޝީޒާ އަލީ
182ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބައިނަލްއަޤްވާމީ ކުޅިވަރު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި، ކުޅިވަރަކީ އެއްވެސް ހުރަހެއް ނެތި އެންމެން ގުޅުވައިދޭ ވަސީލަތެއްކަމަށާއި އަދި މިދާއިރާ ކުރިއެރުވުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ދުވަހަކީ ޖިސްމާނީ ދުޅަހެޔޮކަން އިތުރުކުރުމަށާއި، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސުލްޙަ މަސަލަސްކަމާއި، އެއްބައިވަންތަކަމާއި، ތަރައްޤީ ކުރިއެރުވުމުގައި ކުޅިވަރު އަދާކުރާ މުހިންމު ދައުރު ހަނދާންކޮށްދޭ ބާރުގަދަ ވަސީލަތެކެވެ. އަދި މަސްތުވާތަކެތީގެ ވަބާއާއި، ކޮރަޕްޝަނާއި، އަދި ހަރުކަށި ފިކުރު ފަދަ އިޖުތިމާޢީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ކުޅިވަރަކީ ބާރުގަދަ ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޅިވަރަކީ ހަމައެކަނި ހަރަކާތެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ މުޅި އުމުރަށް ދެމިގެންދާ މޮޅުކަމާއި، އަމާންކަމާއި، އަދި އެކުވެރިކަން ހޯދުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ވަނީ ކޮންމެ ދިވެއްސަކަށް އިލްތިމާސްކުރައްވާފައެވެ.

300 × 250

ޒުވާނުންގެ މެދުގައި އަޚްލާޤާއި، ކެތްތެރިކަމާއި، ގުޅިގެން މަސައްކަތްކުރުމާއި، އަދި އިޙްތިރާމްކުރުމުގެ ސިފަ އަށަގަންނުވައި، ދުޅަހެޔޮ އަދި މަޤްޞަދެއް އޮތް ދިރިއުޅުމެއް އުޅުމަށް ބާރުއެޅުމުގައި ކުޅިވަރުގެ ދައުރު މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. "ކުޅިވަރަކީ އަޅުގަނޑުމެންގެ ޤައުމީ އައިޑެންޓިޓީގެ މުހިންމު ތަނބެއް، އަދި ބޭނުންތެރި ހެޔޮ ބަދަލުތަކެއް ޤައުމީ ތަރައްޤީއަށް ގެނެސްދޭ ބާރެއް،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ކުޅިވަރުގެ ޤާނޫނު ހަރުދަނާކުރުމާއި، ކުޅިވަރު ތަރައްޤީކުރުމުގެ ފަންޑު އުފެއްދުމާއި، އަދި 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' ފަދަ ކަންކަމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުޅިވަރުގެ ވަސީލަތްތައް ފުޅާކުރުމާއި، 'އަރުތަ' އިންޓަރނޭޝަނަލް ސްކޮލަރޝިޕާއި، އަދި ޖިންސީ ތަފާތުކުރުމެއް ނެތި ޤައުމީ އެތުލީޓުންގެ މުސާރަ ބޮޑުކުރުމަކީ ސަރުކާރުން އިސްކަންދޭ ކަންކަން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ކުޅިވަރުގެ ޒަރީޢާއިން ދުޅަހެޔޮ، އެއްބައިވަންތަ، އަދި ހަރަކާތްތެރި ޤައުމެއް ބިނާކޮށް، ޤައުމު ބޮޑެތި ކާމިޔާބީތަކާއި ދެމެހެއްޓެނިވި އަމާންކަމަކަށް ވާސިލުކޮށްދިނުމުގެ އުންމީދު އާކުރައްވަމުންނެވެ. ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހަކީ 'ބައިނަލްއަޤްވާމީ ތަރައްޤީއާއި ސުލްޙައަށްޓަކައި ކުޅިވަރު' ގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި