މާލޭގެ މަގުތަކުގައި އަލަށް ހަރުކުރި ބޯޑުތަކުގައި މަގުތަކުގެ ނަންތައް ނުބައިކޮށް ލިޔެފައި ހުރުމުން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް މާލެ ސިޓީ ކައުންސިލަށް އަމާޒުވެއްޖެ އެވެ. ގިނަ މަގުތަކެއްގައި ހަރުކޮށްފައިވާ މި ނަން ބޯޑުތަކުގައި ތާނަ އަކުރުންނާއި ލެޓިން އަކުރުން ވެސް ލިޔުންތައް ހުރީ ކުށްކޮށެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކަށް ބަލާއިރު، "ލޮނުޒިޔާރަތް މަގު" ގައި ހަރުކޮށްފައިވާ ބޯޑުގައި ލިޔެފައިވަނީ "ލޮނުޒިޔާރައިމަގު" މިހެންނެވެ. އަދި "މާފަތްތަކުރުފާނުމަގު" ޖަހަން ޖެހޭ ބޯޑުގައި ލިޔެފައި އޮތީ "މާފައިތަކުރުފާނުމަގު" މިހެންނެވެ. މިފަދަ ބޮޑެތި ކުށްތަކާއެކު ބޯޑުތައް ހަރުކުރުމުން ގިނަ ބަޔަކު ދަނީ މޭޔަރު އާދަމް އާޒިމާއި ސިޓީ ކައުންސިލްގެ އިހުމާލު އޮތް ކަމަށް ބުނަމުންނެވެ.
މިކަމާ ގުޅިގެން އެމްކިއުއޭގެ ކުރީގެ ވެރިޔާ ޑރ. އަބްދުލްހަންނާން ވަނީ މިއީ "ދިވެހި ބަހަށް ކުރަފިއެރުވުމުގެ" ހުތުރު އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މިހާރުން މިހާރަށް މި ބޯޑުތައް ނަގަން ޖެހޭ ކަމަށާއި، ސިޓީ ކައުންސިލްގައި ތަންދޮރު ދަންނަ ބަޔަކު ނޫޅެނީތޯ ވެސް ސުވާލު ކުރައްވާފަ އެވެ. ބަހުގެ ތަޖުރިބާކާރު އިމާދު ލަތީފްގެ އިތުރުން އެތައް ބަޔަކު ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.







ޚިޔާލު (1)
ޢެމްޑީޕީ މޭޔަރުމެން ނުކުރާނެ ގޯސްކަމެއް