މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ޒަކާތު ކުއިޒް 1447" ގެ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ. މި ކުއިޒްގެ ނަސީބުވެރިޔާ ހޮވުމަށް ބޭއްވި ގުރުއަތުލުން ކުރިއަށްދިޔައީ މިއަދު ހެނދުނު 11:35 ގައި ޒަކާތު ހައުސްގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވްކޮށް ގެނެސްދިން ހަފްލާއެއްގައެވެ. މި ގުރުއަތުލުން ކުރިއަށް ގެންދަވައިދެއްވީ ޝަރަފުވެރި މެހެމާނު، މޯލްޑިވްސް ޒަކާތު ހައުސްގެ ޝަރީއާ އެންޑް އެޑްވައިޒަރީ ބޯޑުގެ ޗެއާޕާސަން އަލްއުސްތާޛު އަބްދުﷲ ސައުދާން އެވެ. މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ކުރިއަށްގެންދިޔަ މި ކުއިޒަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ޖުމްލަ 5,000 އަށްވުރެ ގިނަ މީހުން މި ކުއިޒްގައި ބައިވެރިވިއެވެ. ކުއިޒްގައި ޖުމްލަ 30 ސުވާލު ހުށަހަޅާފައިވާއިރު، ކޮންމެ ދުވަހަކުވެސް ޒަކާތު ހައުސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ސުވާލެއް އާންމުކުރަމުން ގޮސްފައިވެއެވެ. ކުއިޒް ނިމުނުއިރު، ހުރިހާ ސުވާލަކަށް ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ރަނގަޅު ޖަވާބު ދިން 126 ބައިވެރިން ގުރުއަތަށް ހޮވުނެވެ. މިއަހަރުގެ ކުއިޒްގެ އެއްވަނަ އިނާމަކީ ދެ މީހަކަށް ދެވޭ އުމްރާ ދަތުރެކެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރި ފަރާތަކީ "ފާތިމަތު މާޢާލް އަޙްމަދު" އަތަމާގެ، އދ. މަހިބަދޫ އެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދިން ގޮތުގައި، މި އިނާމު ފާތިމަތު މާޢާލް އަޙްމަދާ ހަވާލުކުރުން އޮންނާނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައެވެ.