ދޯނީގައި އެކަނި މަހަށް ނުކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ށ. މިލަންދޫ، ސިނަމް، މުހައްމަދު އިހުސާން އެ އަތޮޅު ކޮމަންޑޫން ފެނިއްޖެއެވެ. މިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، އިހުސާން ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު އާއިލާގެ ފަރާތުން ކައުންސިލަށް ހިއްސާކޮށްފައިވަނީ މިއަދު ހެނދުނު 11:30 ހާއިރު އޭނާ މަހަށް ނުކުތް ގޮތަށް ޚަބަރެއް ނުވުމާ ގުޅިގެންނެވެ. އިހުސާންގެ އާއިލާއިން މައުލޫމާތު ދިން ގޮތުގައި އޭނާ މިހާރު ފެނިފައިވާއިރު، އޭނާގެ ހާލު ރަނގަޅެވެ. "މީގެ އިރުކޮޅެއް ކުރިން ކޮމަންޑޫ އަށް ދިޔައީ، ހާލު ރަނގަޅު މިހާރު ހުރީ އާއިލާ މީހެއްގެ ގޭގައި،" އާއިލާގެ މެންބަރަކު ބުންޏެވެ. އާއިލާއިން އިތުރަށް ބުނި ގޮތުގައި އިހުސާން މަހަށް ދިޔައީ އެކަނި ދޮއްޓެއް ހިފައިގެންނެވެ. އަދި އޭނާ މަހަށް ދިޔައިރު ފޯނު ބާއްވާފައި ދިޔައީ ގޭގައެވެ. މަސް ބާނަން އުޅުމުގެ ތެރޭގައި ސިގްނަލް ގެއްލި، މިސްރާބު އޮޅުނީ ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން ބުނެފައިވެއެވެ. މި ހާދިސާގައި އިހުސާން ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އަމިއްލައަށް ކޮމަންޑޫއަށް ދިއުމުންނެވެ. މިހާރު އޭނާ ހުރީ ކޮމަންޑޫގައި ހުރި އާއިލާގެ މީހެއްގެ ގޭގައި ރައްކާތެރިކަމާއެކުގައެވެ.