ދިވެހިރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހެދުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އެންޑައުމަންޓްސް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އަޢުޤާފް މަޝްރޫޢުތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ޑރ. ޝަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އައުޤާފާ ބެހޭ ގޮތުން ބަޔާންވެފައިވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ދަށުން އައުޤާފުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ މެނޭޖްމަންޓް ސިސްޓަމަކާއި އައުޤާފު ޤާނޫނެއް ވުޖޫދު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފައްޓަވާފައެވެ. ވަޤްފު މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ވަޤްފު ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މާލޭގައި ހުރި 'ދާރުލް އީމާން' ވަޤްފު އިމާރާތުގެ އިތުރުން، 'ދާރުލް އަރްޤަމް' ވަޤްފު އިމާރާތުގެ މަސައްކަތް މިހާރު ވަނީ ޢަމަލީ ގޮތުން ފަށާފައެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ އިދާރާގެ ގޮތުގައި ހަދާ އިމާރާތާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒަށް ޚާއްޞަ އިމާރާތެއް ތަރައްޤީ ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަތޮޅުތެރޭގައި ވަޤްފު މަޝްރޫޢުތައް ފުޅާކުރުމުގެ ގޮތުން އައްޑޫ ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤްފު މަޝްރޫޢުތައް ފެށުމަށް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ޙަވާލުކޮށްފައެވެ. އަދި އަތޮޅު ވަޤްފު މަޝްރޫޢުތައް ވެސް މިހާރު ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ، މިފަދަ ވަޤްފު އިމާރާތްތަކުން ލިބޭ އާމްދަނީ ބޭނުން ކޮށްގެން މިސްކިތްތައް ބިނާކުރުމާއި ދީނީ އެކި ކަންކަމަށް ޚަރަދު ކުރުމެވެ. މިއީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ މާލީ ނިޒާމެއްގެ ތެރެއިން އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނައުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
އަމާޒަކީ ރާއްޖޭގެ އިސްލާމީ ޙަޟާރަތުގައި އައުޤާފަކީ މުހިންމު ދައުރެއް އަދާކުރާ ނިޒާމަކަށް ހެދުން: ވަޒީރު ޑރ ޝަހީމް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.