ތެޔޮ ނުލިބިގެން މަސްދޯނިފަހަރު ހުއްޓިފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ، މަސްވެރިމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް, އެކަން ދޮގު ކުރައްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ތެޔޮ ނުލިބިގެން މަސްދޯނިފަހަރު ހުއްޓިއްޖެ ކަމަށް ބުނެ “އޮންލައިން” ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވީ ނަމަވެސް، ސަރުކާރުން މިހާތަނަށްވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް އެ ބުރަ ނުޖައްސައި ތެލުގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖުކުރުމަށް ކަމަށެވެ. އަދި މި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ މަސްވެރިންނަށް މަސްކަނޑުތަކަށް ނިކުމެވޭނެކަން ކަށަވަރުކުރުމަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، މިހާރު މުޅި ރާއްޖެއަށްވެސް އެންވެރިކަން ރަނގަޅުވާން ފަށައި، މަސްވެރިކަންވެސް އަންނަނީ ވަރަށް ބޮޑަށް ރަނގަޅުވަމުންނެވެ. އެހެންކަމުން މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސް ގަންނަ ބޯޓުތައް ފޮނުވުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.