މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ތުރުކީގެ ގައުމީ އެއާލައިން، ޓާކިޝް އެއާލައިންސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ތުރުކީގެ އިސްތަންބޫލާއި މާލެއާ ދެމެދުގައެވެ. މި އިތުރު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ދަތުރުތައް އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ. ޝެޑިއުލް ކުރެވިފައިވާ ގޮތުން، އިސްތަންބޫލުން މާލެއަށް ކޮންމެ ބުދަ ދުވަހަކު ދަތުރުތައް ބާއްވާނެއެވެ. އަދި މާލެއިން އިސްތަންބޫލަށް ކުރާ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުރާސްފަތި ދުވަހަކުއެވެ. މި ބަދަލާއެކު، ޓާކިޝް އެއާލައިންސްއިން ކޮންމެ ހަފްތާއަކު ރާއްޖެއާއި އިސްތަންބޫލާ ދެމެދު ކުރާ ދަތުރުތަކުގެ އަދަދު 4 އިން 6 އަށް އިތުރުވެގެންދާނެއެވެ. މިއީ ޔޫރަޕާއި އުތުރު އެމެރިކާގެ މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ. ދަތުރުތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. ސިނާއަތުގެ އިސްވެރިން ސިފަކުރައްވާ ގޮތުގައި މިއީ ރާއްޖެއަކީ ދުރު ރާސްތާގެ މަންޒިލްތަކުގެ ތެރެއިން މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތްކަން ހާމަކޮށްދޭ އަދި ރާއްޖެއަށް އޮތް އިތުބާރު ދައްކުވައިދޭ މުހިންމު ބަދަލެކެވެ.