އިންތިޚާބުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް، ހުރިހާ ކައުންސިލްތަކާ ގުޅިގެން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީގެ މެންބަރުންގެ ކިބައިން އެފަދަ ރޫޙެއް އަދި ނުފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އއ. ރަސްދޫގައި މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަފްލާއަކީ ނިމިދިޔަ އިންތިޚާބުގައި އއ. އުކުޅަހާއި، ތޮއްޑޫ އަދި ރަސްދޫއިން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި އުފާފާޅުކުރުމުގެ ބައްދަލުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މަޤާމުތަކަށް އަންނަ ބޭފުޅުންގެ ފަރާތުން ރިވެތި އަޚްލާޤު ފެންނަން ރައްޔިތުން އެދޭނެ ކަމަށެވެ. ނަމަވެސް މާލެ ސިޓީ ކައުންސިލަށް އިންތިޚާބުވި އެމްޑީޕީގެ ބައެއް ކެންޑިޑޭޓުންގެ ފަރާތުން މިހާރުވެސް ހުތުރު މަންޒަރުތައް ފެންނަން ފަށާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެފަދަ ބައެއް ބޭފުޅުންގެ ފަރާތުން މިހާ އަވަހަށް ހަޑިހުތުރު ބަސްތައް ގޮވައި، މަސްލަހަތު ނަގާލާތަން ފެންނަމުންދާ ކަމަށެވެ. އަދި ކޮންމެ ރެއަކު އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިންތިޚާބީ ބައެއް މެންބަރުން ބޭއަދަބީ ބަސްތައް ބޭނުންކޮށް ވާހަކަ ދައްކަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެފަދަ ފަރާތްތަކުގެ ކިބައިން އަޚްލާޤީ ރީތި ސިފައެއް ނުފެންނަ ކަމަށާއި، ދީނާއި މިއްލަތް އިސްކުރާ މަންޒަރުވެސް ނުފެންނަ ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެން އިސްކުރަން ޖެހޭނީ ޤައުމު. ޤައުމު އިސްކުރުމުގެ މާނައަކީ މި ޤައުމު ވާރުތަކޮށްދޭން ޖެހޭނީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައިވާ ޤައުމެއްގެ ގޮތުގައި،" ރައީސް ވިދާޅުވިއެވެ. ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން އިންތިޚާބުކުރާ މަޤާމެއްގައި ހުންނަވާ ބޭފުޅަކު ޤާނޫނާ ޚިލާފު ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އަދި ދީނާ ޚިލާފު ކަންކަމަށް ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގަތެވެ.
ކޮންމެ ނަތީޖާއެއް ނިކުތަސް ގުޅިގެން މަސައްކަތް ކުރަން ހުރީ، ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ކިބައިން އެފަދަ ރޫޙެއް ނުފެނޭ: ރައީސް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.