ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް އަށް ބިލިއަން ރުފިޔާ) މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ އއ. ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ މި ފައިސާ ދެއްކީ ގައުމުގެ އެއްވެސް ހަރުމުދަލެއް ނުވިއްކައި އަދި އިތުރު ބޮޑު ދަރަންޏެއް ނުނަގައި، ރާއްޖޭގެ އިގްތިސާދުގައި ހުރި އަމިއްލަ ބާރުވެރިކަމުގައި ކަމަށެވެ. މި ސުކޫކް ދެއްކުމާއެކު، އޭގެ މުގާބިލުގައި ރަހުނުކޮށްފައި ހުރި ދައުލަތުގެ މުހިންމު އިމާރާތްތަކާއި ބިންތައް މިހާރު ވަނީ ސަލާމަތް ކުރެވިފައެވެ. މި ސުކޫކް ދެއްކުމުގެ ސަބަބުން ރަހުނުން ސަލާމަތްކުރި ތަންތަނުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި، ފިނޭންސް މިނިސްޓްރީ އިމާރާތާއި، އިސްކަންދަރު ސްކޫލް އަދި އައިޖީއެމްއެޗް ހުރި ބިން ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ފައިސާ ނުދެއްކުނު ނަމަ މި ހަރުމުދާ ދައުލަތަށް ގެއްލުމުގެ ބިރު އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސުކޫކް ފައިސާ ނުދައްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، އެ ފައިސާ ދެއްކިކަމުގެ ލިޔެކިޔުންތައް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ބައިނަލްއަގުވާމީ އިދާރާތަކުން ފެންނަން ހުންނާނެ ކަމަށެވެ. އަދި މީގެ އިތުރުންވެސް ރަހުނުކޮށްފައި ހުރި އެހެން ބައެއް ތަންތަން ސަލާމަތް ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ސަރުކާރުގެ އަމާޒަކީ އިގްތިސާދު ރަނގަޅު މަގަށް ގެންގޮސް، ވާރުތަވެފައިވާ ދަރަނިތައް އަދާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ބޭރުގެ ދަރަނިތައް ދެއްކުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށާއި، އަތޮޅުތަކުގެ ތަރައްޤީއަށް 4 ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ ބޮންޑެއް ދެއްކުމަށްޓަކައި ނަގާފައިވާ އެއްޗެކެވެ. މި މަހުގެ 2 ވަނަ ދުވަހު މި ސުކޫކް އެއްކޮށް ދައްކާ ޚަލާސްކޮށްފައިވާއިރު، ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ މަސައްކަތްތައް އިތުރު ބާރުމިނެއްގައި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.