ސައުދީ އަރަބިއްޔާގެ އެންމެ އަގުހެޔޮކޮށް ދަތުރުތައް ކުރާ އެއާލައިން، ފްލައިނާސްގެ ދަތުރުތައް އަންނަ މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާއި ދަތުރުފަތުރާއި ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ.

ވަޒީރު އަމީން ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ކުރާ ދަތުރުތައް ކެންސަލްކުރާ އެއާލައިންތަކުގެ އަދަދު މަދުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، "ފްލައިނާސްގެ ދަތުރުތައް އަންނަ މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ވަނީ ނިންމާފައި،" ކަމަށެވެ. މި ދަތުރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްލައިނާސްގެ ރަސްމީ ޝެޑިއުލްގައިވެސް މިހާރު ވަނީ ރާއްޖޭގެ ދަތުރުތައް ހިމަނާފައެވެ. މި އެއާލައިނަކީ މިވަގުތު 67 އަށްވުރެ ގިނަ ބޯޓު އޮޕަރޭޓްކުރާ އެއާލައިނެކެވެ. މީގެ ތެރޭގައި ގިނައީ އެންމެ ފަހުގެ އައު އެއާބަސް ނިއޯ 320 މަރުކާގެ ބޯޓުތަކެވެ.

މި އައު އެއާލައިންގެ ދަތުރުތަކާއެކު މެދުއިރުމަތިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.