ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަކިކޮށްފިއެވެ. މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި، 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި މިހާރު އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲއެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އޭނާގެ ބަދަލުގައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރެވެ. ނަމަވެސް، އޭނާ ހިމެނިވަޑައިގަންނަވާ އެސްއޯއީ ކޮމިޓީން ވަކިކުރި ކަމަކަށް މަޖިލީހުގެ ވެބްސައިޓަކުން އަދި ނުދައްކައެވެ. މި ބަދަލާ ގުޅޭގޮތުން ނާޒިމްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ވީގޮތް ވަނީ ސާފުވާގޮތް ނުވެފައެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާގައި މި ބަދަލު އިއުލާނު ނުކުރީ ކީއްވެ ކަމެއް ވެސް ސާފެއް ނޫނެވެ. މީގެ އިތުރުން، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހްގެ ބަހެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނާޒިމް މަގާމުން ވަކިކުރުމަށްޓަކައި ބޭނުންވާ ސޮއި ހޯދައި، އެކަމަށް ލޮބީ ކުރުމުގެ މަސައްކަތްތަކެއް ޕީއެންސީ ތެރެއިން ފަށާފައިވާކަން އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ކަށަވަރުކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށް ދަނީ ވަރަށް ސިއްރިއްޔާތުގައެވެ. ޕީއެންސީ ޕީޖީގެ އިސް ބޭފުޅަކު ވިދާޅުވީ، "ބައެއް މެންބަރުން ހިތްހަމަނުޖެހޭ ނާޒިމް މަޖިލިސް ތެރެއިން ކަންކަން ކުރައްވާ ގޮތުން. ބައެއް މެންބަރުން ދެކޭ ގޮތުގައި ނާޒިމް މަސައްކަތް ކުރައްވަނީ، ސަރުކާރަށް ގެއްލުންވާ ގޮތަށް" ކަމަށެވެ. ނާޒިމަކީ މަޖިލީހުގެ ކޮމިޓީތަކުގައި ވަރަށް އިސްކޮށް އަދި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވި މެންބަރެކެވެ. ނަމަވެސް، ސަރުކާރާ މެދު ހިތްހަމަނުޖެހުން ހުންނަ ބައެއް ކަންކަމުގައި އޭނާ ފާޅުގައި ސަރުކާރަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ޕާޓީގެ ތެރެއިން ވަނީ އަމާޒުވެފައެވެ.
މަޖިލީހުގެ އެންމެ ބާރުގަދަ ކޮމިޓީތަކުން, މަޖިލިސް ނައިބު ނާޒިމް ވަކިކޮށްފި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.