1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް މިނިސްޓާ ޝިޔާމް ވިދާޅުވެއްޖެ

7510
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް
ހުވަދޫ މީޑިޔާ
ފޮންޓް ސައިޒް
އާދައިގެ

ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއް ކަމަށާއި އަދި ހަމަ މި ޙައްޤުތަކާއި އެކުއެކީ ޒާތީ ދިރިއުޅުމުގެ ޙައްޤާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤަކީވެސް ހަމަ ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކެއް ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިނިސްޓާރ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިޙައްޤުތައް ކަށަވަރުވުމުގައި ޤައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެންނެއް ނުވާ ކަމަށާއި އަދި މި ޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށް ވެސް ޓްވީޓްގައިވެއެވެ.

ޤަޛްފާއި ޒިނޭއަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ 7 އުޑުމަތިން ބާވާލެއްވި އިސްލާމީ ޝަރީޢަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ޚާއްސަ މިންގަނޑެއް ކަނޑައަޅައި، ޙައްދު ކަނޑައަޅާފައިވާ ކުށްތަކެއް، އަދި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެއް މަޤްސަދު ކަމުގައިވެފައި، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާއިރު، ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރު، އަދި ވަކިން ޚާއްސަކޮށް އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވެސް ވިދާޅުވެފައިވެއެވެ.

300 × 250

އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އަޅުގަނޑުމެންގެ މުޖުތަމައަކީ އެފަދަ ކަންކަމަށް ތަރުހީބު ދޭނެ މުޖުތަމައެއްވެސް ނޫން، އަދި އަޅުގަނޑުމެންގެ ނޫސްވެރިންނަކީ އެފަދަ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ، ދޮގު ޚަބަރު ފަތުރާ ބަޔަކަށްވުރެ މާ ތަހުޒީބު، މާ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫން ކަމަށް ވެސް ޓްވީޓްގައި ވެއެވެ.

ޚުދު ރައީސް ޑރ. މުޢިއްޒު އަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ބޭފުޅެއް، އަދި އެމަނިކުފާނުގެ ސަރުކާރަކީ އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް އެންމެ ފުޅާ ދާއިރާގައި ތަރުޙީބު ދޭނެ ސަރުކާރެއް ކަމަށާއި މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު، މިކަން ނުހުއްޓުވައިފިނަމަ މާދަމާ މިކަމުގެ ޝިކާރައަކަށް ތިޔައިގެ ތެރެއިން ހަމަ ކޮންމެ ބޭފުޅަކުވެސް ވެދާނެ ކަމަށް ބުނެފައި ވެއެވެ.

 އެހެންކަމުން، ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ރައްޔިތުންނާ ހަމައަށް ތެދު މަޢުލޫމާތު ގެނެސްދޭ މަސައްކަތަކަށް ވާންޖެހޭނެ. ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފެށޭ ހިސާބަކީ އަނެކާގެ ޙައްޤުތަކާައި މިނިވަންކަން ނަގާލައި، އަބުރު ކަތިލެވޭ ހިސާބަށް ވެގެންނެއް ނުވާނެ ކަމަށް މިނިސްޓާރ އަޙްމަދު ޝިޔާމް ވަނީ ބުނެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި