ރައީސް، ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅު އަންނަ މޭއި މަހުގެ 3 ގައި ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ. މި ދަތުރުފުޅުގެ ތެރެއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ލަންކާގެ މީޑިއާތަކުން ބުނީ، ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅަކީ އަންނަ މަހުގެ 3 އިން 5 އަށް އެގައުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. މިއީ ލަންކާގެ ރައީސް، އަނުރާ ކުމަރަ ޑިސަނަޔަކޭގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދެގައުމުގެ ދެމެދުގައި އެކި ދައިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް އެގައުމުގެ ވަޒީރުންގެ މަޖިލީހުން ރުހުންދީފައިވާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. ރައީސްގެ މި ދަތުރުފުޅުގައި ސޮއި ކުރާ އެއްބަސްވުން ތެރޭގައި ހިމެނެނީ:

  • ތަމްރީނު ޕްރޮގްރާމްތަކާއި މުވައްޒަފުން ބަދަލުކުރުމާއި ގުޅިގެން ރިސާޗް ހެދުމަށް ދެގައުމުގެ ޑިފެންސާއި ދެމެދު ވެވޭ އެއްބަސްވުން.
  • ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ދެ ގައުމުން ވެވޭ އެއްބަސްވުން.
  • ހެލްތް މިނިސްޓްރީއާއި ލަންކާގެ ފެމިލީ އެންޑް ވެލްފެއާ އާއި ޔުނިވާސިޓީ އޮފް ކޮލަމްބޯއާއި ދެމެދު ވެވޭ އެއްބަސްވުން.
  • ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީނު ކުރުމަށް ދެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީއާއި ދެމެދު ވެވޭ އެއްބަސްވުން.

މީގެ އިތުރުން ވެސް ބައެއް ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ރާއްޖެއާއި ލަންކާއާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުއެވެ.