ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ކޮލަންބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަންއަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތަކީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހޮސްޕިޓަލަށް ވަޑައިގަތުމުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ހޮސްޕިޓަލުގެ އިސްވެރިންނެވެ. މި ޒިޔާރަތުގެ ތެރެއިން، އެ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް އެކަމަނާއަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، އެކަމަނާ ވަނީ ހޮސްޕިޓަލުގެ ކަށީގެ ޚިދުމަތްތަކާއި، ޕްލާސްޓިކް ސާރޖަރީ ވޯޑުގެ އިތުރުން ކުޑަކުދިންގެ ވޯޑަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި އެ ވަގުތު އެތަންތަނުން ޚިދުމަތް ހޯދަމުންދިޔަ ބަލިމީހުންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ހާލު އޮޅުންފިލުއްވާފައިވެއެވެ.

މި ޒިޔާރަތުގެ ހަނދާނުގައި ހޮސްޕިޓަލުގެ މެހްމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސޮއިކުރައްވާފައެވެ. އެކަމަނާ ލިޔުއްވި ބަޔާނުގައި، ކުޑަކުދިންގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި އެ ހޮސްޕިޓަލުން ކުރަމުންދާ ހަރުދަނާ އަދި ވިލުންތެރި މަސައްކަތްތަކަށް ތަޢުރީފު ކުރައްވާފައިވެއެވެ.

ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަކީ ސްރީލަންކާގައި ހިލޭ ސާބަހަށް ކުޑަކުދިންނަށް ޚިދުމަތް ދެމުންދާ އެންމެ ބޮޑު ހޮސްޕިޓަލެވެ.