މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގައި އިސްކަންދެނީ ހައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި މީހުންގެ ތެރެއިން އަލަށް ހައްޖުވާ މީހުންނަށް ކަމަށް އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝައިޚް އަލީ ޝަރީފު ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޝައިޚް އަލީ ޝަރީފު ވިދާޅުވީ، ހައްޖަށް ގެންދާ މީހުން އިހުތިޔާރުކުރަނީ ކޯޕަރޭޝަނުގެ ކިއު ތަރުތީބުން ކަމަށެވެ. އަދި ކިއުއިން ބޭރުން ހައްޖަށް ގެންދަނީ ހަމައެކަނި އެހީތެރިންނާއި އިދާރީ ކަންކަމުގައި ހަރަކާތްތެރިވާ މީހުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމެއް އަލަށް ޙައްޖަށް ދާ މީހުންނަށް އިސްކަންދިނުން. އަލަށް ޙައްޖަށް ދާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އިސްކަންދިނުން. އެގޮތުގެ މަތިން އެ ކިއުގެ ތަރުތީބު މި ނެގެނީ،" ޝަރީފު ވިދާޅުވިއެވެ. ކިއުގެ ނިޒާމުގެ ހަރުދަނާކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ، ކިއުގެ އެއްވެސް ކަމެއް އޮޅުވައިލުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ. ސަބަބަކީ ކޯޕަރޭޝަނުގެ ކިއުއަކީ ކޮންމެ އަހަރަކު އޮޑިޓުކުރެވޭ، އަދި އޮޓޮމެޓިކުން މީހުން ހޮވޭ ނިޒާމަކަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. އުމުރުން ދުވަސްވީ މީހުންނަށާއި އަލަށް ހައްޖަށް ދާ މީހުންނަށް ކޯޓާއިން ވަކި އިންސައްތައެއް ވަނީ ކަނޑައަޅާފައެވެ. އުމުރުން 75 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް އެހީތެރިއަކު ގެންދިއުމުގެ ފުރުސަތު ކޯޕަރޭޝަނުން ފަހިކޮށްދެއެވެ. މިގޮތުން ގެންދާ އެހީތެރިންނަށްވެސް ފުރުސަތު ދެނީ ކަނޑައެޅިފައިވާ ކޯޓާގެ ތެރެއިންނެވެ. ޝަރީފު އިތުރަށް ވިދާޅުވީ، ކިއުގެ ތަރުތީބުން ދައުވަތު ފޮނުވުމުން މި އަހަރުވެސް 200 އެއްހައި މީހުން ހައްޖަށް ދެވެން ނެތްކަން އަންގާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ހައްޖަށް ގެންދިއުމުގެ ތައްޔާރީތައްވުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހައްޖަށް މީހުން ގެންދިއުމުގައި އިސްކަންދެނީ އަލަށް ހައްޖުވާ މީހުންނަށް: ހައްޖު ކޯޕަރޭޝަން

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.