1280 × 720 (16:9)
ބުރާސްފަތި20 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖެއަކީ ވިޔަފާރީގެ ސްޓްރެޓެޖިކް ހަބަކަށް ހެދުމަކީ ރައީސް މުއިއްޒުގެ އަމާޒެއް: މިނިސްޓަރު ސައީދު

460361_d6cba145-a_
ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ ވިޔަފާރި ފޯރަމްގައި މިނިސްޓަރު ސައީދު ވާހަކަފުޅު ދައްކަވަނީ — ފޮޓޯ: ރައީސް އޮފިސް
ފޮންޓް ސައިޒް
އާދައިގެ

 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ ރާއްޖެއަކީ ހަމައެކަނި ފަތުރުވެރިކަމުގެ މަންޒިލަކަށް ހެދުން ނޫން ކަމަށާއި، ވިޔަފާރި ހިމެނޭހެން ރާއްޖެއަކީ ސްޓްރެޓެޖިކް ހަބަކަށް ހެދުން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ، މިނިސްޓަރ މިފަދައިން ވިދާޅުވީ ސްރީލަންކާގެ ކޮލަމްބޯގައި ފެށި ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުންނެވެ.

މި ފޯރަމަކީ ރައީސް މުއިއްޒުގެ ސަރުކާރުގައި ފެށުނު 10 ވަނަ ބައިނަލްއަގުވާމީ ބިޒްނަސް ފޯރަމްކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ރައީސްގެ ލީޑާޝިޕަކީ ލަނޑުދަނޑިތަކެއް ކަނޑައަޅައި ނަތީޖާ ނެރުމުގެ މައްޗަށް ބިނާވެފައިވާ ލީޑާޝިޕެއް ކަމަށެވެ. "ރާއްޖެއަށް އިގްތިސޯދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދަނޑިވަޅުގައި އެކަން ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ. މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ފިސްކަލް ޑިސިޕްލިން އިއާދަ ކުރުމާއި، ޒިންމާދާރު ކަމާއެކު ދަރަނި ދެއްކުމާއި ދިރިއުޅުމުގެ ހަރަދު ހަމައަކަށް އެޅުވުމަށް" ސައީދު ވިދާޅުވިއެވެ.

300 × 250

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިންފްލޭޝަން މަތިވެ މާލީ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ވެސް ސަރުކާރުން ވަނީ މުހިންމު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން، ދަތި ވަގުތުތަކުގައި ވެސް ޖުމްލަ ހިދުމަތް ދެވޭ ޑޮމެސްޓިކް އެއާޕޯޓުތަކުގެ އަދަދު 22 އަށް އިތުރުކޮށް، 4 އިންޓަނޭޝަނަލް އެއާޕޯޓާއެކު ވިއުގަ ފުޅާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މި މަސައްކަތްތަކަކީ ރާއްޖޭގެ އިގްތިސޯދަކީ މުސްތަގުބަލަށް ތައްޔާރުވެފައިވާ އިގްތިސޯދަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތްތަކެއް ކަމަށް ސައީދު ވިދާޅުވިއެވެ.

އިގްތިސޯދު ސިންދަފާތު ކުރުމުގެ ގޮތުން ސަރުކާރުން ހާއްސަ ފޯކަސްއެއް ދޭ ދާއިރާތަކުގެ ތެރޭގައި ލޮޖިސްޓިކްސް، ޑިޖިޓަލް ސާވިސަސް، އިއާދަކުރަނިވި ހަކަތަ، އަދި ފައިނޭންޝަލް ސާވިސްތައް ހިމެނެއެވެ. މީގެ އިތުރުން މަހުގެ އަގު ދަށްނުކޮށް ހިފެހެއްޓުމަކީ ވެސް ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސްރީލަންކާއާއެކު އޮތް ވިޔަފާރީގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ރާއްޖޭގައި ލަންކާގެ ވިޔަފާރިތައް މިހާރު ވެސް ވަރަށް ވަރުގަދަ ކަމަށެވެ. ހާއްސަކޮށް ފައިނޭންސިން، ފަތުރުވެރިކަން، އަދި އެކުއަކަލްޗާ ފަދަ ދާއިރާތަކުން ދެ ގައުމުގެ ގުޅުން ފެންނަން އޮތް ކަމަށާއި، މިއީ ހަމައެކަނި ވިޔަފާރީގެ މަސްލަހަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުދި ޖަޒީރާ ގައުމުތަކެއްގެ ގޮތުގައި އޮތުމުން ދެ ގައުމަށް ވެސް އެއްގޮތް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި، ސައީދު ވިދާޅުވީ ބޭރުގެ އިގްތިސޯދީ ލޮޅުންތަކުން އަރައިގަތުމަށް އައު އީޖާދުތަކުގެ އެހީގައި ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށެވެ. މި ގޮންޖެހުންތަކަކީ ދެ ގައުމަށް ވެސް ކުރިއަށްދިއުމަށް އޮތް އެއްގޮތް ފުރުސަތުތަކެއް ކަމަށް ވިދާޅުވެ މިނިސްޓަރުގެ ވާހަކަ ނިންމަވާލެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި