ބޭނުންކުރުން ހުއްޓާލައި ނައްތާލާ ނޫޓުތައް ބޭނުންކޮށްގެން އީޖާދީ އުފެއްދުންތައް ތައްޔާރުކުރުމަށް ހުޅުވާލައި، މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ޚާއްޞަ ދެ މުބާރާތެއް އިފްތިތާޙްކޮށްފިއެވެ. "ކްރާފްޓެޑް ބައި ކަރަންސީ - ޝްރެޑެޑް ނޯޓްސް ރީއިމޭޖިންގް" ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތްތަކަކީ ކުދިކޮށް ކޮށާފައިވާ ޕޮލިމަރ ބޭންކް ނޫޓުތައް ބޭނުންކޮށްގެން މާނަވީ އުފެއްދުންތަކެއް ބިނާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތްތަކެކެވެ. މަރުކަޒީ ބޭންކުން ހާމަކުރި ގޮތުގައި، މި މުބާރާތަކީ އެ އިދާރާގެ ދެމެހެއްޓެނިވި ތަރައްޤީއާއި ރީސައިކަލް ކުރުމުގެ ސިޔާސަތުގެ ދަށުން އިންތިޒާމުކުރާ ހަރަކާތެކެވެ. މީގެ މައިގަނޑު ބޭނުމަކީ އުކާލެވޭ ނޫޓުތަކުގެ މާއްދާތައް، ފަންނުވެރިކަމާއި ޑިޒައިންގެ ތެރެއިން ބޭނުންތެރި އާ ތަކެއްޗަށް ބަދަލުކުރުމެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ މައިގަނޑު ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ "ސުވެނިއަރ ޑިޒައިން އެންޑް ޕްރޮޑަކްޝަން" މުބާރާތާއި "އާޓްވޯކް" މުބާރާތެވެ. ސުވެނިއަރ މުބާރާތުގައި ބައިވެރިވެވޭނީ ރަސްމީ ހަނދާނީ ހަދިޔާގެ ގޮތުގައި ގިނަ އަދަދަކަށް އުފެއްދިދާނެ ތަކެއްޗަށެވެ. އާޓްވޯކް މުބާރާތް ޚާއްޞަކޮށްފައިވަނީ ކޮށާފައިވާ ނޫޓުތައް މައިގަނޑު މާއްދާއެއްގެ ގޮތުގައި ބޭނުންކޮށްގެން ތައްޔާރުކުރާ ތަފާތު ފަންނީ ކުރެހުންތަކާއި އުފެއްދުންތަކަށެވެ. މި ދެ މުބާރާތުގައިވެސް އަމިއްލަ ފަރުދުންނަށާއި، ޓީމުތަކަށް، ފަންނުވެރިންނަށާއި ޑިޒައިނަރުންގެ އިތުރުން ވިޔަފާރިތަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ބައިވެރިންނަށް ކޮންމެސް އެއް މުބާރާތަކަށް ނުވަތަ ދެ މުބާރާތުގައިވެސް ބައިވެރިވެވިދާނެ ކަމަށް އެމްއެމްއޭއިން މަޢުލޫމާތު ދެއެވެ. މި މުބާރާތްތަކުން ހޮވޭ ފަރާތްތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ. އާޓްވޯކް މުބާރާތުގެ އެއްވަނައަށް 15,000 ރުފިޔާ ކަނޑައަޅާފައިވާއިރު، ސުވެނިއަރ މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް 10,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން ސުވެނިއަރ މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް، އެމްއެމްއޭއަށް ބޭނުންވާ ސުވެނިއަރތައް އުފެއްދުމުގެ ފުރުޞަތު ވަކި އެއްބަސްވުމެއްގެ ދަށުން ލިބިގެންދާނެއެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޕްރޮޕޯސަލްތަކާއި އެޕްލިކޭޝަން ފޯމުތައް 14 މެއި 2026 ނިޔަލަށް currency.section@mma.gov.mv އަށް އީމެއިލް ކުރަންޖެހެއެވެ. އަދި ޝޯޓްލިސްޓްކުރެވޭ ހުރިހާ އުފެއްދުންތަކެއް އެމްއެމްއޭއިން ބާއްވާ "ފައިނޭންޝަލް އެކްސްޕޯ 2026" ގައި ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ނައްތާލާ ނޫޓު ބޭނުންކޮށްގެން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭއިން ފަށައިފި

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.