މީހެއްގެ މައްޗަށް ޙައްޖު ފަރުޟުވެ، އެކަމަށް ކުޅަދާނަކަން ލިބުމާއެކު އެ އަޅުކަން އަދާކުރުމަށް އަވަސްވެގަތުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެއްޖެއެވެ. ޚުޠުބާގައި ބުނީ، ޙައްޖުވުމަށް ކުޅަދާނަކަން ލިބިގެންވާ މީހާގެ މައްޗަށް އޭނާގެ ޢުމުރުން އެއްފަހަރު ޙައްޖުވުމާއި ޢުމްރާވުމަކީ ފަރުޟެއް ކަމަށެވެ. އަދި އެއްފަހަރަށްވުރެ ގިނައިން މި އަޅުކަން އަދާކުރުމަކީ ބޮޑުވެގެންވާ ޘަވާބާއި ދަރުމަ ލިބޭނެ ކަމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. ޚުޠުބާގައި ބުނެފައިވަނީ، ޙައްޖުވުމަށް ކުޅަދާނަކަން ލިބުމުގެ މާނައަކީ ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ޙައްޖުގެ ޚަރަދުތައް ބެލެހެއްޓޭނެ މާލީ ތަނަވަސްކަން ހުރުމުގެ އިތުރުން ދަތުރުފަތުރުގެ އަމާންކަން އޮތުން ކަމަށެވެ. މާތް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅެއްގެ މައްޗަށް ބިނާކޮށް ޚުޠުބާގައި ބުނީ، "އެއް ޢުމްރާއާއި އަނެއް ޢުމްރާއާ ދެމެދުގައިވާ ފާފަތަކަށް އެއީ ކައްފާރާއެއް" ކަމަށާއި، އަދި "މަބްރޫރު ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ މެނުވީ އެހެން އެއްޗެއް ނޫން" ކަމަށެވެ. ޙައްޖުގެ އަޅުކަން މާތްﷲގެ ޙަޟްރަތުގައި މަޤްބޫލު އަޅުކަމަކަށް ވުމަށްޓަކައި، އެ އަޅުކަމަށް ކުރާ ޚަރަދަކީ ޙަލާލު ގޮތުގައި ހޯދާފައިވާ މުދަލާއި ފައިސާއަށް ވާންޖެހޭނެ ކަމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ. ޚުޠުބާގައި ބުނީ، ﷲއީ ހުރިހާ އުނިސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ، އެކަލާނގެ ޙަލާލު އެއްޗެއް މެނުވީ ޤަބޫލެއް ނުކުރައްވާނެ ކަމަށެވެ. އެހެންކަމުން ޙައްޖަށް ދިއުމުގެ ކުރިން އިޚްލާޞްތެރި ތައުބާއަކުން ތައުބާވުމަށާއި، ދަރަނިތަކުގެ ހިސާބުތައް ލިޔެ ބެލެހެއްޓުމަށް ޚުޠުބާގައި އިރުޝާދު ދިނެވެ. މީގެއިތުރުން، ޙައްޖަށް ނުވަތަ ޢުމްރާއަށްދާ މީހާ އެ އަޅުކަން އަދާކުރާނެ ގޮތާއި އޭގެ ޙުކުމްތައް އުނގެނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. މަބްރޫރު ޙައްޖެއްގެ އެންމެ މުހިންމު އެއް ނިޝާނަކީ ޙައްޖުގެ އަޅުކަމަށްފަހު އެމީހެއްގެ ދިރިއުޅުން ހެޔޮމަގަށް ބަދަލުވެ، ﷲ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.