ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް ވަނުމުގެ ހުއްދަ 'އަދަދު' ނޫހަށާއި އެ ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް ދޫނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ އެ ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކުރި ވީޑިއޯ ކޮންޓެންޓަކާ ގުޅިގެން ޖިނާއީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޛާން ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ 'ގޭގް އޯޑަރާ' ނުވަތަ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް ޢަމަލު ނުކުރުމަށް އަންގައި ކުރި އަމުރާ ޚިލާފުވެފައެވެ. މިކަމާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ކޮމިޝަނުން ވެސް މައްސަލައެއް ބަލަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން ޝަހުޛާން ނެރެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވި ވަގުތު ކުރި ސުވާލެއްގައި ކޯޓު އަމުރާ ޚިލާފުވެފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެންނެވެ. އެ ސުވާލާ ގުޅިގެން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި "ރޫލް އޮފް ލޯ" ނުވަތަ ޤާނޫނީ އިސްތިޤުލާލު ހިފެހެއްޓޭނެ ކަމަށާއި، އެމަނިކުފާނުގެ ބޮލުގައި އަޅުވަނީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު އިލްޒާމްތަކެއް ކަމަށެވެ. ރައީސް އޮފީހުން ބުނީ މި ފިޔަވަޅު އެޅީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނުގެ 39، 40 އަދި 44 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް ކަމަށެވެ. އަދި ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތައް ކަވަރުކުރުމުގެ އުސޫލުގެ 13 ވަނަ މާއްދާގެ ދަށުން ލިބިދޭ އިޚުތިޔާރުގެ ދަށުން، މައްސަލަތައް ހިނގަމުންދާ މުއްދަތުގައި 'އަދަދު' ނޫހަށް ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ. މި މައްސަލައާ ގުޅިގެން، ކޯޓު އަމުރަށް ބެލުމެއް ނެތި ސުވާލުކުރުމުގެ ސަބަބުން ނޫސްވެރިޔާ ޝަހުޛާން ކޯޓަށް ހާޒިރުވުމަށް ވެސް މިހާރު ވަނީ އަންގާފައެވެ.