1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރާއްޖޭގެ ނަރުހުންގެ 64 އިންސައްތައަކީ ދިވެހިން: ސިއްހީ ދާއިރާގައި ދިވެހި ނަރުހުންގެ ދައުރު ބޮޑު

addu
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ގެ ނަރުހުން----ފޮޓޯ:އޭއީއެޗް
މަރްޔަމް ޝަފާ ސައީދު
115ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހިރާއްޖޭގެ ސިއްހީ ނިޒާމުގައި ދިވެހި ނަރުހުން އަދާކުރާ މުހިންމު ދައުރާއި، މި ހިދުމަތް ދިނުމުގައި ދިވެހިންގެ ހިއްސާ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރުވެފައިވުމަކީ، މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހު ލިބޭ ވަރަށް ބޮޑު އުފަލަކާއި ފަޚުރެކެވެ.

ސިއްހަތާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވުޒާރާއިން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ބޮޑު އިންސައްތައަކީ މިހާރު ދިވެހި ނަރުހުންނެވެ. ނަރުހުން ބިނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ 64 އިންސައްތައަކީ ދިވެހިންކަމަށް އެ ވުޒާރާގެ ހިސާބުތަކުން ކަށަވަރުވެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި ޖުމްލަ 3,907 ނަރުހުން އަންނަނީ މަސައްކަތްކުރަމުންނެވެ. މީގެ ތެރެއިން 2,503 ނަރުހުންނަކީ ދިވެހިންނެވެ. ބިދޭސީ ނަރުހުންގެ އަދަދަކީ 1,404 އެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ދިވެހި ނަރުހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ހާމަކޮށްދޭ އަދަދެކެވެ. މީގެ ކުރިން ރާއްޖޭގެ ސިއްހީ ދާއިރާ ބޮޑަށް ބަރޯސާވެފައި އޮތީ ބިދޭސީ ނަރުހުންނަށެވެ.

300 × 250

ނަރުހުންގެ ދާއިރާގައި އަންހެނުންގެ ދައުރު އަދިވެސް އޮތީ ވަރަށް މަތީގައެވެ. ރާއްޖޭގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 3,593 މީހުންނަކީ އަންހެނުންނެވެ. އެއީ ޖުމްލަ ނަރުހުންގެ 92 އިންސައްތައެވެ. ފިރިހެން ނަރުހުންގެ އަދަދަކީ 314 އެވެ. މިއީ ޖުމްލަ އަދަދުގެ އެންމެ އަށް އިންސައްތައެވެ. މަސައްކަތްކުރާ ސަރަހައްދުތަކަށް ބަލާއިރު، މާލޭގައި 1,989 ނަރުހުން (51 އިންސައްތަ) މަސައްކަތްކުރާއިރު، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި 1,918 ނަރުހުން (49 އިންސައްތަ) މަސައްކަތްކުރެއެވެ.

ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން އެންމެ ގިނަ ނަރުހުން ހިދުމަތް ދެނީ ސަރުކާރުގެ މުއައްސަސާތަކުގައެވެ. އެގޮތުން 3,291 ނަރުހުންނަކީ ސަރުކާރުން ހިންގާ ތަންތަނުގައި މަސައްކަތްކުރާ މީހުންނެވެ. މިއީ ޖުމްލަ ނަރުހުންގެ 84 އިންސައްތައެވެ. އަމިއްލަ ފަރާތްތަކުން ހިންގާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރަނީ 616 ނަރުހުންނެވެ. އެއީ ޖުމްލަ އަދަދުގެ 16 އިންސައްތައެވެ.

ދިވެހި ނަރުހުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި ނަރުހުން ތަމްރީނުކުރުމުގެ ފުރުސަތުތައް ފުޅާވުމެވެ. ގައުމީ ޔުނިވަސިޓީގެ އިތުރުން ވިލާ ކޮލެޖު ފަދަ އަމިއްލަ މަރުކަޒުތަކުންވެސް މިހާރު ފެންވަރު ރަނގަޅު ނަރުހުން ތަމްރީނުކުރަމުންދެއެވެ. އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސެސްއިން މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ، "އަވަރ ނަރސެސް، އަވަރ ފިއުޗަރ، އެމްޕަވަރޑް ނަރސެސް، ސޭވްސް ލައިވްސް." މިޝިޢާރެވެ.

ދިވެހި ނަރުހުންގެ ހިދުމަތަށް މުޅި ގައުމު އިހުތިރާމްކޮށް ޝުކުރު އަދާކުރެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި