ކުރިއަށް އޮތް ފިނި މޫސުމުގެ ޕީކް ސީޒަނާ ދިމާކޮށް ދުނިޔޭގެ ތަފާތު ތިން ސަރަހައްދަކުން ރާއްޖެއަށް އައު އެއާލައިންތަކެއްގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ހާމަކުރައްވައިފިއެވެ. ފިރާގު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް އަލަށް އުދުހުންތައް ފެށުމަށް ތައްޔާރުވަމުންދަނީ އޭޝިއާގެ ސިޓީތަކަށް ނިސްބަތްވާ ދެ އެއާލައިނަކާއި މެދުއިރުމަތީގެ އެއާލައިނެއް ކަމަށެވެ. މި އެއާލައިންތަކުގެ ދަތުރުތައް ފެށުމަށް ބޭނުންވާ އެންމެހާ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި އެއާލައިންތަކުގެ ފްލައިޓް ޝެޑިއުލްތައް ރަސްމީކޮށް އިއުލާން ކުރާނީ އެޑްމިނިސްޓްރޭޓިވް އަދި ރެގިއުލޭޓަރީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ނިމުމުން ކަމަށް ފިރާގު ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ. މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން މީގެ ކުރިން ބައެއް އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލި ނަމަވެސް، މިހާރު ގިނަ އެއާލައިންތަކަކުން އަންނަނީ ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަމުންނެވެ. އެގޮތުން އަންނަ ޖޫން މަހުން ފެށިގެން ޤަތަރު އެއާވޭސް އަދި އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ދުވާލަކު ތިން ފްލައިޓަށް އިތުރުކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ބްރިޓިޝް އެއާވޭސް އިން ވެސް ދަތުރުތައް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ނިސްބަތުން މަދުވި ނަމަވެސް، ފަތުރުވެރިކަމުގެ ލޯ ސީޒަން ނިމުމާއެކު ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ ވައިގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވެސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
މި އަހަރުގެ ފިނި މޫސުމާ ދިމާކޮށް އައު 3 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.