ރާއްޖޭގެ އެކި ސަރަހައްދުތަކުން މާލެއަށް ހިޖުރަކުރާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ހަމައެކަނި ބޯހިޔާވެހިކަން ފޯރުކޮށްދީގެން ނޫން ކަމަށާއި، އެ ސަރަހައްދުތަކުގައި ވަޒީފާގެ ފުރުޞަތުތަކާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކޮށްގެން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަލީ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުވަދޫ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ރަށްރަށުން މީހުން މާލެއަށް ހިޖުރަކުރާ އެންމެ ބޮޑު ސަބަބަކީ މަތީ ތައުލީމާއި ވަޒީފާގެ ފުރުޞަތުތައް އެ ރަށްރަށުގައި ނެތުން ކަމަށެވެ. އެގޮތުން އޭލެވެލްއާ ހަމައަށް ރަށްރަށުގައި ކިޔެވޭނެ އިންތިޒާމު ހުރި ނަމަވެސް، އޭގެ ފަހުން ވަޒީފާއެއް ހޯދުމަށް ނުވަތަ މަތީ ތައުލީމު ހާސިލުކުރުމަށް މާލެއަށް އަންނަން މަޖުބޫރުވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު މުއްތަލިބް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އާބަން ސެންޓަރުތައް ތަރައްޤީކޮށް، އެ ތަންތަނުގައި ބޯހިޔާވެހިކަމުގެ އިތުރުން ވަށާޖެހޭ އިޤްތިޞާދެއް ބިނާކުރުން ކަމަށެވެ. "ޙަޤީޤަތުގައި ވަށާޖެހޭ ގޮތަކަށް މަސައްކަތްކުރަންޖެހޭ ކަމެއް، އެއް ކަމާއި އަނެއް ކަމާ ގުޅިފައި މި އޮތީ. ވަޒީފާގެ ފުރުޞަތާއި އިކޮނޮމިކް އަދި ހަމައެކަނި ބޯހިޔާވެހިކަން ފޯރުކޮށްދީގެނެއް ޢާއިލާތަކެއް ސަސްޓެއިނެއް ނުކުރެވޭނޭ ރަށްރަށުގައި،" މިނިސްޓަރު ވިދާޅުވިއެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.