މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ފުރާ ޙައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓްތަކުގެ ތާވަލާއި ގަޑިތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މިއަދު އާންމުކޮށްފިއެވެ. ރާއްޖެއިން ޙައްޖަށްދާ މީހުން އުފުލުމަށް މިއަހަރު ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ފްލައިޓެވެ. ޙައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ޙައްޖާޖީންގެ 50 އިންސައްތަ މީހުން ދަތުރުކުރާނީ ސައުދީ އެއާލައިންގައެވެ. ބާކީ 50 އިންސައްތަ ޙައްޖާޖީން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ޤައުމީ އެއާލައިން، މޯލްޑިވިއަންގައެވެ. ސައުދީ އެއާލައިންގެ ދަތުރުތައް މެއި މަހުގެ 15 އަދި 18 ވަނަ ދުވަހު އޮންނައިރު، މޯލްޑިވިއަންގެ ދަތުރުތައް އޮންނާނީ މެއި 17 އަދި 19 ވަނަ ދުވަހުއެވެ.
ފްލައިޓްތައް ފުރުމަށް ހަމަޖެހިފައިވާ ގަޑިތައް:
ފްލައިޓް 1: 15 މޭ (ގަޑި: 15:25) ފްލައިޓް 2: 17 މޭ (ގަޑި: 07:10) ފްލައިޓް 3: 18 މޭ (ގަޑި: 15:25) ފްލައިޓް 4: 19 މޭ (ގަޑި: 09:45) ޙައްޖާޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޙައްޖު ކޯޕަރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިނާގައި ޙައްޖާޖީން ތިބޭނެ ޓެންޓުތަކުގެ އިންތިޒާމުތައް މިހާރަށްވުރެ ފުރިހަމަކޮށް، އަސާސީ ޚިދުމަތްތައް އެންމެ މަތީ ފަންތީގައި ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން، ޙައްޖު މިޝަނުން މިހާރު އަންނަނީ ޙައްޖާޖީން މައްކާއަށް ދިއުމުގެ ކުރިން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިގޮތުން ޙާޖީން ތިބުމަށް ހަމަޖެހިފައިވާ ހޮޓާތައްވެސް އެ މިޝަނުން ވަނީ ބައްލަވާލައްވާފައެވެ. ރާއްޖެއަށް ކޮންމެ އަހަރަކުވެސް ޙައްޖަށް މީހުން ގެންދިއުމަށް ލިބެނީ 1,000 ކޯޓާއެވެ. ޙައްޖާޖީންނަށް އެހީތެރިވުމަށް ދަތުރުކުރާ އެހީތެރިންނާއި އިދާރީ މުވައްޒަފުންވެސް ދަތުރުކުރަނީ މި ކޯޓާގެ ތެރެއިންކަން ފާހަގަކޮށްލެވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.