މާލޭ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ތައާރަފްކުރި "މާލެ ޓެކްސީ ލައިން" ގެ ޚިދުމަތް ފެށިތާ ކުރު މުއްދަތެއްގެ ތެރޭގައި 13،000 އަށްވުރެ ގިނަ ދަތުރު ކޮށްފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މިއީ މާލޭގެ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފަރުމާކޮށްފައިވާ ޚިދުމަތެކެވެ. އެމްޓީސީސީން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހުގެ 18 އިން ފެށިގެން މޭ މަހުގެ 9 ވަނަ ދުވަހާ ހަމައަށް ޖުމްލަ 13,073 ދަތުރު ވަނީ ކޮށްފައެވެ. މި ދަތުރުތަކުގައި ޖުމްލަ 9,550 ކަސްޓަމަރުން ޚިދުމަތް ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. ދަތުރުތައް ބެހިފައިވާ ގޮތް މި މުއްދަތުގެ ތެރޭގައި ކުރެވުނު ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު:

  • މާލެ ސިޓީގެ އެތެރޭގައި: 9,395 ދަތުރު
  • ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް: 429 ދަތުރު
  • ހުޅުމާލެ ފޭސް 1 އަށް: 1,966 ދަތުރު
  • ހުޅުމާލެ ފޭސް 2 އަށް: 1,283 ދަތުރު

މާލެ ޓެކްސީ ލައިންގައި ބޭނުންކުރަނީ %100 ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތަކެކެވެ. މި ޚިދުމަތަށް ޚާއްޞަކޮށްގެން ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ތިމާވެއްޓާ ރައްޓެހި 150 ކާރު ވަނީ ރާއްޖެ ގެނެސްފައެވެ. ތިން ސައިޒެއްގެ އުޅަނދު ހިމެނޭ މި ޚިދުމަތަކީ ކޮންމެ ދުވަހަކު 24 ގަޑިއިރު ރައްޔިތުންނަށް ލިބޭނެ ޚިދުމަތެކެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އެމްޓީސީސީން ވިދާޅުވި ގޮތުގައި، ވެބްސައިޓްގެ އިތުރުން ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް މިހާރު ޓެކްސީ ބުކް ކުރެވޭނެއެވެ. މި ޚިދުމަތުގެ ދަށުން ދަތުރުތައް ކުރަމުންދަނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައެވެ. މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުބާރު ހުރި އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.