ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި، ޤައުމެއްގެ އިޖްތިމާޢީ ފޭރާން ހަރުދަނާކުރުމުގެ އެންމެ އިސް އަސާސަކީ ބަދަހި ޢާއިލާތަކެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވާފައިވުމަކީ، އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ޤަދަރާއި އަހުމިއްޔަތު ހާމަވާ ކަމެއް ކަމަށެވެ. އެމަނިކުފާނު ވަނީ ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރައްވައި، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ މެސެޖެއް ފޮނުއްވާފައެވެ. އެކަމަނާގެ މެސެޖުގައި ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށާއި އުޖާލާ މުސްތަޤްބަލެއް ކަށަވަރުކުރުމަށް އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އޯގާތެރިކަމާއި، އެހީތެރިކަން މުހިންމުކަން ފާހަގަކުރެއްވިއެވެ. މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ޢާއިލާތަކަށް އިޖުތިމާޢީ އަދި އިޤްތިޞާދީ އައު ގޮންޖެހުންތަަކާ ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، މައިންބަފައިންނާއި ދަރިންގެ އިތުރުން ޢާއިލީ ޒިންމާތައް އުފުލާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރަން ޖެހޭ ކަމަށެވެ. ޢާއިލާތަކުގެ ފުރިހަމަ ކުރިއެރުމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ، އުޖާލާ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ދިވެހި ޤައުމުގެ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ ނުހަނު މުހިންމު އިންވެސްޓްމަންޓެއް ކަމުގައިވެސް އެކަމަނާ ސިފަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ޢާއިލާތަކުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ މުޖުތަމަޢުގައި ޢާއިލާގެ ދައުރު ފުޅާކުރުމާއި، ޢާއިލާތަކަށް ދިމާވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކުރުމެވެ.