މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު (ފޭސް 1) ގެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ސެގްމަންޓް 2، 3 އަދި 4 ގެ ދަށުން ކުރިއަށްދާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެއީ ގާތްގަނޑަކަށް 400 މީޓަރުގެ ސަރަޙައްދެކެވެ.

މީގެ އިތުރުން، މިދިޔަ ހަފުތާގައި ކީވޯލް ކެޕިންގް މަސައްކަތްތައް ފަށާފައިވާއިރު، ސެގްމަންޓް 4 ގައި ހިމެނޭ ދުވާރު ހެދުމުގެ މަސައްކަތާއި ޕަމްޕް ސްޓޭޝަން ވަޅު ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.

މަގުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ ގޮތުން ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މި ހަފުތާގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. އަދި ފެން ހޮޅި އެޅުމާއި، ފެން ހިންދާ ވަޅުތައް ހެދުމާއި، އެންކަރ ބްލޮކް ހަރުކުރުމުގެ އިތުރުން ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ބާރުމިނުގައި ކުރިއަށްދާކަން އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަޙައްދު ތަރުތީބުކޮށް، ދަތުރުފަތުރުގެ ނިޒާމަށް ލުއިފަސޭހަކަން ގެނައުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.