މި ހިނގާ މެއި މަހުގެ މުސާރައާއި އިނާޔަތްތައް މިމަހުގެ 28 އަދި 31 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިގޮތަށް ނިންމާފައިވަނީ އަޟްޙާ އީދު ބަންދާ ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ބޭންކުތައް ބަންދުވާ ދުވަސްތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. އީދު ބަންދުގެ މުނާސަބަތުގައި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އިދާރާތައް ބަންދުކޮށްފައިވާއިރު، ރަސްމީ މަސައްކަތަށް އޮފީސްތައް އަލުން ހުޅުވޭނީ މި މަސް ނިމޭ ދުވަސް ކަމަށްވާ މެއި 31 ގައެވެ. މުސާރަ ދޫކުރުމުގެ ކަންކަމާ ގުޅޭގޮތުން މީޑިއާތަކުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މާލީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، މުސާރަ ދޫކުރުމުގެ ތަރުތީބު ކަނޑައެޅީ ބޭންކުތައް ހުޅުވާފައި ހުންނާނެ ވަގުތުތަކަށް ބަލައިގެން ކަމަށެވެ. އީދު ބަންދުގެ ތެރެއިން ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މެއި މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން، ބޭންކު ހުޅުވާ އެ ދުވަހާއި، ސަރުކާރު އޮފީސްތައް އަލުން ހުޅުވޭ 31 މެއި ގައި މުސާރަ އާއި އިނާޔަތްތައް ޖަމާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. "ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާ ގޮތުން ކޮންމެ މަހެއްގެ މުސާރަ ދޫކުރަންޖެހެނީ އެ މަހެއްގެ ރަސްމީ ބަންދު ނޫން ފަހު ތިން ދުވަހުގެ ތެރޭގައި. އެހެންކަމުން މެއި މަހުގެ މުސާރަ އާއި އިނާޔަތްތައް ދޫކުރާނީ 28 އަދި 31 މެއިގައި،" އޮފިޝަލް ވިދާޅުވިއެވެ. މާލީ ވުޒާރާއިން އިތުރަށް ބުނީ، މާލިއްޔަތު ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން މުސާރަ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށްގެންދާނެ ކަމަށެވެ.
މެއި މަހުގެ މުސާރަ ދިނުން 28 އަދި 31 ގައި

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.