މާދަމާ ރޭ ނުވަތަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ އުޑުމަތި އަލިކޮށްލާނީ މަދުން ނޫނީ ނުފެންނަ ހަނދެއް ކަމަށްވާ "ނޫ ހަނދު" ނުވަތަ ބްލޫ މޫން އިންނެވެ. މިއީ އެވްރެޖްކޮށް ކޮންމެ ދެތިން އަހަރަކުން އެއް އަހަރު ފެންނަ ހަނދެކެވެ. ބްލޫ މޫންގެ އެންމެ މަޝްހޫރު މާނައަކީ މަހެއްގެ ތެރޭގައި ފެންނަ ދެވަނަ ފުލް މޫނެވެ. 2026 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު ފެނުނު "ފްލާވާ މޫން" އަށް ފަހު، މިއީ މި މަހުގެ ތެރޭގައި ފެންނަ ދެވަނަ ފުރިހަމަ ހަނދެވެ. މި ހަނދު އެންމެ ފުރިހަމަވާނީ މާދަމާ ރާއްޖެ ގަޑިން މެންދުރުފަހު 1:45 ގައެވެ. މިފަހަރުގެ ނޫ ހަނދު ދިމާވަނީ ހަނދު އޭގެ އޯބިޓްގައި ބިމާ އެންމެ ދުރު ހިސާބަށް ދާ ވަގުތާ އެވެ. މީގެ ސަބަބުން އާދައިގެ ފުރިހަމަ ހަނދަކަށް ވުރެ މި ހަނދު ކުޑަކޮށް ފެންނާނެއެވެ. އަދި އާދައިގެ ފުރިހަމަ ހަނދަކަށް ވުރެ ގާތްގަނޑަކަށް 12 އިންސައްތަ އަލި މަޑުވާނެ ކަމަށް ބެލެވެއެވެ. ނަމުން "ނޫ ހަނދު" ކިޔުނު ކަމުގައި ވިޔަސް، ހަނދު ހުންނާނީ ސީދާ ނޫކުލައަކުން ނޫނެވެ. އާންމު ގޮތެއްގައި ހަނދު ފެންނާނީ އާދަޔާ ހިލާފު ހުދު ކުލައެއްގައެވެ. ނާސާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ނޫހަނދު އެންމެ ފުރަތަމަ ފެނިފައިވަނީ 1528 ވަނަ އަހަރުއެވެ. މި ހަނދަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ތަފާތު ނަންތައް ކިޔައެވެ. އޭގެ ތެރޭގައި "ސޮލްމަން ހަނދު"، "ވޫލްފް މޫން" އަދި "ހާވެސްޓް މޫން" ފަދަ ނަންތައް ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ޖައްވުގައި ހުންނަ ދުމުގެ ސަބަބުން މި ހަނދު އޮރެންޖް ނުވަތަ ރަތް ކުލައިގައި ވެސް ފެނިދާނެއެވެ. މިއީ މަދުން ފެންނަ ކަމަކަށް ވާތީ، މިކަމަށް ނިސްބަތްކޮށް "ވަންސް އިން އަ ބްލޫ މޫން" ފަދަ ލަވަތަކާއި ބަސްތައް ވެސް މަޝްހޫރުވެފައިވެއެވެ. 2018 ވަނަ އަހަރު ދެ ފަހަރަށް ނޫ ހަނދު ފެނިފައިވާއިރު، ދެން މިފަދަ ގޮތަކަށް ދެ ފަހަރު ނޫ ހަނދު ފެންނާނީ 2037 ވަނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
2026 ވަނަ އަހަރުގެ ކުރިއަށް ހުރި މަސްތަކުގައި ވެސް ތަފާތު ނަންތަކުގައި ފުރިހަމަ ހަނދު ފެންނާނެއެވެ. އޭގެ ތެރޭގައި ޖޫން 29 ގައި ފެންނަ ސްޓްރޯބެރީ މޫން، ޖުލައި 28 ގައި ފެންނަ ބަކް މޫން، އަދި އޮގަސްޓް 27 ގައި ފެންނަ ސްޓާޖަން މޫން ހިމެނެއެވެ. އަހަރުގެ ފަހުކޮޅު ފެންނާނީ ހާވެސްޓް މޫން އާއި ކޯލްޑް މޫން ފަދަ ހަނދުތަކެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.