މާލެ ސިޓީ ކައުންސިލްގެ އިޙްތިސާސް ތެރޭގައި އޮތް ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކަށް ޖަލްސާއެއް ބޭއްވުމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުރަސް އަޅުއްވަމުން ގެންދަވާތީ އެކަމުގައި ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވާނެ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ މުއިއްޒު މިހެން ވިދާޅުވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ސިޓީކައުންސިލުން ހުއްދަ ދީފައިވަނިކޮށް އެޖަލްސާއަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކޮށް މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން މުއިއްޒު ވިދާޅުވީ، ކައުންސިލްގެ އިޙްތިސާސް ތެރޭގައި އޮންނަ ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން، އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުރަސް އަޅުއްވަމުންދާތަން ފެންނަމުންދާތީ އެކަމުގައި ޕޮލިސް ގާނޫނީ ގޮތުން ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. https://twitter.com/MMuizzu/status/1468587468836409351 އިދިކޮޅު ކޯލިޝަނުން ހުޅުމާލޭގައި ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމުން ހުޅުމާލޭގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފަ އޮންނަ ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ، އިދިކޮޅުން "ކޮތަރުކޮށި" ނަމުގައި ބާއްވަން އުޅޭ ޖަލްސާއަށް ހުއްދަ ނެތް ކަމަށް ބުނެފައެވެ. އަދި ހުޅުމާލޭގައި އެއްވެސް ހަރަކާތެއް ހިންގޭނީ އެކުންފުންޏަށް ލިޔުމުން އެންގުމުނެ، އެކުންފުނިން ކަނޑައަޅާ ވަކި ސަރަހައްދެއްގައި ކަމަށެވެ. އެޗްޑީސީއިން އެގޮތަށް ވިދާޅުވެފައިވަނިކޮށް، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ސޮއިކުރައްވައި ޕީޕީއެމް ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް، އެ ޖަލްސާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވުމުގެ އެއްވެސް އިއުތިރާޒެއް ސިޓީ ކައުންސިލަށް ނެތް ކަމަށާއި އެޖަލްސާ ބޭއްވޭނެ ކަމަށް ބުނެ ސިޓީއެއް ވަނީ ފޮނުވާފައެވެ.