ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާ ވެސް ޝަރީއަތަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގގެ ދައުވާއެވެ. ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ލިބިފައިވާ ހެކިތަކަށް ބަލާއިރު އެ ތިން ދައުވާ ވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. ދައުވާތައް ސާބިތުވުމާ ގުޅިގެން މިހާރު ކުރިއަށް ދަނީ އަދަބު ކަނޑައެޅުމުގެ މަރުހަލާއެވެ. މި މަރުހަލާގައި ދައުލަތުންނާއި ޝަމްއާންގެ ފަރާތުން ހުށަހަޅާ ކަންކަމަށް ބެލުމަށްފަހު ފަނޑިޔާރު އަދަބު ކަނޑައަޅުއްވާނެއެވެ. ޝަމްއާންގެ މައްޗަށް ފޭރުމުގެ ދައުވާ ކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500,000 އަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެ، އެ ފައިސާ އޭނާގެ ގެއަށް ގެންދިޔަ މައްސަލައިގައެވެ. މި ކުށަށް ގާނޫނުގައި އޮންނަ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ދައުލަތުން ވަނީ އެ އަދަބު 8 އަހަރަށް ބޮޑުކޮށްދިނުމަށް އެދިފައެވެ. މީގެ އިތުރުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް ދައުލަތުން އެދިފައިވަނީ ދެ އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން 15 އަހަރުގެ ޖަލު ހުކުމަކާއެކު ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެދިފައެވެ. އަދަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޝަމްއާންގެ ފަރާތުން އެދިފައިވަނީ ވީހާވެސް ކުޑަ އަދަބެއް ދިނުމަށެވެ. އެގޮތުން ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ނުވަތަ ގޭބަންދުގެ އަދަބެއް ކަނޑައަޅައިދިނުމަށް އޭނާ ވަނީ އެދިފައެވެ. މި މައްސަލައިގައި ޝަމްއާން ލޯންޑާކުރި ކަމަށް ބެލެވޭ ފައިސާގެ ތެރެއިން އޭނާގެ ގެއިން ފެނުނު 250,000 ރުފިޔާ އާއި، އިތުރަށް ބޭނުންކޮށްފައިވާ 150,000 ރުފިޔާގެ ބަދަލުގައި އޭނާގެ ގެއިން ފެނުނު އެހެން ފައިސާތަކުން އެ އަދަދު އުނިކޮށް ދައުލަތަށް ނަގައިދިނުމަށް ވެސް ދައުލަތުން ވަނީ ކޯޓުގައި އެދިފައެވެ.