"ނެޝަނަލް އިންޓެގްރޭޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން އިން ހުއްދަދީފި އެވެ. އިލެކްޝަން ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، "ނެޝަނަލް އިންޓެގްރޭޝަން ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ދިނުމަށް މިއަދު އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. މި ޕާޓީ ހެދުމަށް އިލެކްޝަނުން ހުއްދަ ދީފައިވާއިރު، ނެޝަނަލް އިންޓެގްރޭޝަން ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާފައި ވަނީ މުހައްމަދު ޔާސީން ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ މީގެ ކުރިން "އެކުވެރި ސުވަދީބް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާފަ އެވެ. އެހެންނަމަވެސް އެ ޕާޓީ ހެދުމަށް ހުށަހަޅާފައިވާ ނަމަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ ނަމަކަށް ވުމާއެކު، އެއީ އެ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ އެކަށީގެންވާ ނަމެއް ނޫން ކަމަށް އިލެކްޝަނުން ނިންމައި، އެ ނަމުގައި ޕާޓީ ހެދުމަށް ހުއްދަ ނުދެވޭނެ ކަމަށް އިލެކްޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. https://twitter.com/ElectionsMv/status/1468881709873582080?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1468881709873582080%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fhurihaa.mv%2F9918   ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމާޒުކޮށް ސިޔާސީ ޕާޓީތައް އެކުލަވާލަމުންދާއިރު، މިހާރުވެސް 11 ސިޔާސީ ޕާޓީއެއް އިލެކްޝަންގެ ދަފްތަރުގައިވެ އެވެ. މިގޮތުން އެންމެ ދަހުން އިލެކްޝަނުން ރަޖިސްޓްރީކޮށްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ.