އާންމުގޮތެއްގައި ގިނަ ބަޔަކު ބަލަނީ ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުމަށެވެ. ނަމަވެސް، ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ލޮނު މަދުވުމަކީ ވެސް ސިއްހީ ގޮތުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ލޮނުގައި އެކުލެވޭ ސޯޑިއަމް އަކީ ހަށިގަނޑުގެ ދިޔާ ތަކެތީގެ ބެލެންސް ހިފެހެއްޓުމަށާއި، ނާރުތަކުގެ މަސައްކަތްތަކަށާއި، މަސްތަކުގެ ހަރަކާތްތަކުގެ އިތުރުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް ކޮންމެހެން ބޭނުންތެރި މައުދަނެކެވެ. ހަށިގަނޑަށް ލޮނު ބޭނުންވަނީ ކީއްވެ؟ ހަށިގަނޑުގެ ސެލްތަކުގެ އެތެރެއާއި ބޭރުގައި ހުންނަ ފެނުގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށާއި، ސިކުނޑިން ހަށިގަނޑުގެ އެކި ބައިތަކަށް ފޮނުވާ ސިގްނަލްތައް ދަތުރުކުރުމަށް ސޯޑިއަމް އެހީތެރިވެދެއެވެ. މީގެ އިތުރުން ހިތުގެ ވިންދު ހަމަހަމަކޮށް ބެހެއްޓުމަށާއި ސިކުނޑީގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް ވެސް ލޮނަކީ މުހިންމު އެއްޗެކެވެ. ހަށިގަނޑުން ސޯޑިއަމް މަދުވުމުން މި ހުރިހާ ނިޒާމަކަށް ބުރޫއަރައި، 'ހައިޕޯނެޓްރީމިއާ' ކިޔާ ސިއްހީ ހާލަތެއް މެދުވެރިވެއެވެ. ލޮނު މަދުވުމުގެ އަލާމާތްތައް: ހަށިގަނޑުން ލޮނު މަދުވާން ފެށުމުން ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ބޮލުގައި ރިއްސުން، މޭނުބައިކުރުން، ބޯއެނބުރުން އަދި މަސްތަކުގައި ރިއްސުން ހިމެނެއެވެ. މި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، ވާނުވާ ނޭނގުން (confusion)، ހަށިގަނޑުގެ ބެލެންސް ގެއްލުން އަދި ލޭގެ ޕްރެޝަރު ދަށްވުން ފަދަ ކަންކަން މެދުވެރިވެއެވެ. މިއީ ވަރަށް ނުރައްކާތެރި ހާލަތަކަށް ގޮސް، ފިޓުޖެހުމާއި، ހޭނެތުމާއި، ސިކުނޑި ދުޅަވުން ފަދަ ފުރާނައަށް ނުރައްކާވާ ފަދަ ކަންކަމަށް މަގުފަހިވެދާނެ ކަމެކެވެ. ލޮނު މަދުވާން ދިމާވާ ސަބަބުތައް: އާދަޔާ ހިލާފަށް ގިނައިން ދާހިއްލުމާއި، ކުރު މުއްދަތެއްގެ ތެރޭގައި މާ ގިނައިން ފެން ބުއިމަކީ ލޭގައި ހުންނަ ސޯޑިއަމްގެ މިންވަރު ދަށްކޮށްލާ ކަންކަމެވެ. މީގެ އިތުރުން ބޮޑުކަމުދާ ނިޒާމުގެ މައްސަލަތަކާއި، ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ލޮނު މަދުވެދާނެއެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި، ކުޅިވަރު ކުޅޭ އެތުލީޓުންނާއި، ކިޑްނީ ނުވަތަ ހިތުގެ ބަލިތައް ހުންނަ މީހުން މިކަމަށް ސަމާލުވާން ޖެހެއެވެ. ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް: ހަށިގަނޑުގައި ލޮނުގެ މިންވަރު ހަމަހަމަކޮށް ބެހެއްޓުމަށްޓަކައި، ކެއުމުގައި ކިރު، ބިސް، މަސް އަދި ސޫޕް ފަދަ ތަކެތި ހިމެނުން މުހިންމެވެ. ގިނަ ވަގުތު ކަސްރަތު ކުރާނަމަ އިލެކްޓްރޯލައިޓްސް އެކުލެވޭ ބުއިންތައް ބޭނުންކުރުމަށާއި، ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފެން ނުބުއިމަށް ސިއްހީ މާހިރުން ލަފާދެއެވެ. ލޮނު މަދުވުމުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ.
ފަތިސްތަރި: ހަށިގަނޑުން ލޮނު މަދުވުމުން ދިމާވާ ސިއްހީ ނުރައްކާތައް: ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް!

300 × 250






ޚިޔާލު (1)
ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ލޮނު މަދުކުރަން ނަސޭހަތް ދެނީ